ކުޑައިރު ރަނގަޅު ކާނާ ނުލިބޭ ނަމަ ބީރު ވެދާނެ
ކުޑައިރު ރަނގަޅު ކާނާ ނުލިބޭ ނަމަ ބީރު ވެދާނެ

ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިންގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާ ނުލިބޭ ނަމަ މި ކުދިން ޒުވާން އުމުރަށް އަޅާއިރު ކަންފަތަށް ނީވުމުގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. އަދި ކުޑައިރު މާ ހިކި އަނަރޫފަކޮށް ތިބޭ ކުދިންނަށް ވެސް މި ނުރައްކާ ވަރަށް ބޮޑެވެ.

ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ފައިދާހުރި ކާނާ ކުދިންނަށް ދިނުމަކީ ކަންފަތް ބީރުވުމަށް މެދުވެރިވާ މައްސަލަތަކުން ސަަލާމަތް ވާނެ ކަމެކެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ޕްރޮފެސާ ކީތު ވެސްޓް ޖޫނިއާ ވިދާޅުވީ މީހުންނަށް ދިމާވާ ނުކުޅެދުންތެރިކަމުގެ ތެރެއިން ކަންފަތަށް ނީވުމަކީ ހަތަރު ވަނައަށް އެންމެ އާންމު މައްސަލަ ކަމަށެވެ. އަދި މި މައްސަލަ ދިމާވާ 80 ޕަސެންޓް މީހުންނަކީ ފަގީރު ނުވަތަ އާދައިގެ ގޮތަކަށް ދިރިއުޅުމުގެ ހާލަތު ހުންނަ މީހުންކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ މި ހޯދުމަށް ސައިންސްވެރިން ބަލާފައި ވަނީ 2،200 ކުއްޖެކެވެ. މިއީ ފުރާވަރުގެ ކުދިންނެވެ. އޭގެ 16 އަހަރު ކުރިން އެކުދިންގެ ކެއުމުގައި ފައިދާހުރި ކާނާ ބޭނުންކުރެވިފައިވާ މިންވަރު ވެސް މި ހޯދުމުގައި ބެލި އެވެ.

ދިރާސާގެ ހުރިހާ ބައިވެރިންނަކީ ވެސް 1989 އިން 1991 އަށް ކުރިޔަށް ގެންދިޔަ ނިއުޓްރިޝަނަލް ޓްރައަލެއްގައި ބައިވެރިކޮށްފައި ތިބި ކުދިންނެވެ. މި ޓްރައަލްގައި މިކުދިންގެ ނިއުޓްރިޝަނަލް ސްޓެޓަސް ބަލާފައިވެ އެވެ.

މިކުދިންގެ ކަންފަތަށް އިވޭ މިންވަރު ޓެސްޓްކުރިއިރު މި ކުދިންގެ ތެރެއިން ކުޑައިރު ފައިދާހުރި ކާނާއިން މަހްރޫމްވި ކުދިންނަށް ކަންފަތަށް ނީވޭ މައްސަލަތައް ދިމާވާާން ފަށާފައިވާ ވަރު ދެ ގުނަ އިތުރެވެ.

އުމުރަށް ވުރެ އިސްކޮޅުން ކުރުވުމަކީ ވެސް ކަންފަތަށް ނީވުމުގެ މައްސަލަ ބޮޑުވާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. މިކަން ގިނައިން ފެށެނީ މައިމީހާގެ ބަނޑުގައި ކުއްޖާ އޮންނައިރު އެވެ. އޭރުން ފެށިގެން ކުއްޖާއަށް އެކަށީގެންވާ ކާނާ ނުލިބި އެކަށީގެންވާ ވަރަށް ހަށިގަނޑު ބަރު ނޫން ނަމަ އެކުދިން ޒުވާން އުމުރަށް އަޅާއިރު އަޑުއިވުމަށް މައްސަލަތައް ދިމާވާން ފެށުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުންޏެވެ.

މިހެންދިމާވަނީ ކަންފަތު ތެރޭގައި އުފެދެން ޖެހޭ ބައެއް ބައިތައް ފައިދާހުރި ކާނާ ނުލިބިގެން އެކަށީގެންވާ ވަރަކަށް އުފެދިފައި ނުހުންނާތީ ކަމަށް ވަނީ ލަފާކޮށްފަ އެވެ.