ސަައުދީ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: އިލްމުވެރިޔާ
ސަައުދީ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: އިލްމުވެރިޔާ

ރިޔާޒް (ފެބްރުއަރީ 11) - ސައުދީ އަރަބިއާގެ އަންހެނުން އާއްމު ތަންތަނުގައި އުޅޭ އިރު އަބާޔާ (ގަޔަށްދޫ ދިގު ހެދުން) ލާން ކޮންމެހެން ނުޖެހޭ ކަމަށް އެ ގައުމުގެ ސީނިއާ ދީނީ އިލްމުވެރިއަކު ވިދާޅުވެއްޖެ އެވެ.

ސަައުދީ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: އިލްމުވެރިޔާ
ސަައުދީ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: އިލްމުވެރިޔާ

"ދުނިޔޭގެ އެކި ހިސާބުތަކުގައި ދީނަށް އުޅޭ އަންހެނުންގެ 90 ޕަސެންޓް އަންހެނުން އަބާޔާ ނާޅާ،" ސައުދީ އަރަބިއާގެ އެންމެ މަތީ ދީނީ ކައުންސިލް ކަމަށްވާ ކައުންސިލް އޮފް ސީނިއާ ސްކޮލާސްގެ މެންބަރު ޝެއިޚް އަބްދުﷲ އަލް މުތުލަގު ވިދާޅުވި އެވެ.

"އެހެންވީމާ އަބާޔާ އަޅަން އަންހެނުންނަށް މަޖްބޫރު ނުކުރަމާ،" ސައުދީގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝެއިޚް ވިދާޅުވި އެވެ.

ސައުދީގައި އަންހެނުން ހެދުން އުޅުމުގެ އުސޫލު އޮންނަނީ ގާނޫނަކަށް ފައްތައިފަ އެވެ. ނަމަވެސް އަންހެނުން ހެދުން އެޅުމުގެ ގާނޫނަށް ބަދަލެއް ގެންނާނެ ކަމަށް ސައުދީ ސަރުކާރުން އަދި ނުބުނެ އެވެ. އެކަމަކު މިއީ ސައުދީގެ އަންހެނުން ހެދުން އެޅުމާ ބެހޭ ގޮތުން އެ ގައުމުގެ ސީނިއާ ދީނީ އިލްމުވެރިއަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ދާދިފަހުން ވަނީ ސައުދީ އަންހެނުންނަށް ދޫތައް ދެއްވަން ފައްޓަވައިފަ އެވެ. ސައުދީގައި މިދިޔަ މަހު ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފަ އެވެ. އަދި އަންހެނުން ކާރު ދުއްވުމުގެ ހުއްދަ މި އަހަރުގެ ޖޫން މަހުން ފެށިގެން ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ޝެއިޚް މުތުލަގުގެ ކޮމެންޓާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ޚިޔާލު ފާޅު ކުރަން ފަށައިފަ އެވެ. ބައެއް މީހުން ޝެއިޚަށް ތާއިދު ކުރިއިރު އަނެއް ބައި މީހުން ދަނީ ޝެއިޚުގެ ޚިޔާލަށް ފާޑުކިޔަމުންނެވެ.