13 ފެބުރުއަރީ 2018 - 06:25

އާދަޔާޚިލާފަށް އަލިގަދަވުމަކީ ކޮންމެ މީހެއްގެ ވެސް ލޮލަށް އުނދަގޫވާނެ ކަމެކެވެ. އެހެންވެ ގިނަ މީހުން ބޭނުންވާނީ ކޮންމެވެސް ވަރަކަށް އަލި މަޑުކޮށްލާފައި ބަހައްޓާށެވެ. މާބޮޑަށް އަނދިރި ނުވިޔަސް މެދު މިންވަރަކަށް ހުރުމުން ވެސް ވަރަށް ގިނަ ބައެއްގެ ލޮލަށް ފަސޭހަވެ ހިތްހަމަޖެހޭނެ އެވެ. ނަމަވެސް ފިލާވަޅު ހެދުމާއި ދަސްކުރުމުގައި ހޭދަކުރާ ވަގުތުތަކުގައި އަލި ފަނޑުކޮށް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ.
ގިނައިރު ވަންދެން ފަނޑު އަލީގައި އިނުމުން އެއްޗެހި ދަސްކުރަން އުނދަގޫވަނީ ސިކުނޑީގެ ސްޓްރަކްޗާއަށް ބަދަލު އަންނާތީ އެވެ.
މިޗިގަން ސްޓޭޓް ޔުނިވަސިޓީގެ ސައިންސްވެރިން ހޯދި މި ހޯދުމުގައި ވަނީ އަލިމަޑުކޮށް ހުރި ތަނެއްގަ އާއި ގަދަ އަލީގައި ހަތަރު ހަފުތާ ވަންދެން މީދާތަކެއް ބައިތިއްބައިގެން އެސޮރުމެންގެ ސިކުނޑިއަށް ކުރި އަސަރުތައް ހޯދައިފަ އެވެ.
ފަނޑު އަލީގައި ތިބި މީދާތަކުގެ ހިޕޮކެމްޕަސްގެ 30 ޕަސެންޓް ކެޕޭސިޓީ ގެއްލުނެވެ. އަދި ކުރިއްސުރެ ތަމްރީނު ދިނުމަށް ފަހު ހަވާލުކުރި ސްޕޭޓިއަލް މަސައްކަތްތައް މި އެއްޗިއްސަށް މާ ރަނގަޅަކަށް ކުރިއަކަށް ނުގެންދެވުނެވެ. ހިޕޮކެމްޕަސް އަކީ ދަސްކުރުމާއި ދަސްކުރާ އެއްޗެހި ހަނދާން ބެހެއްޓުމުގެ ކުޅަދާނަކަން ލިބުމަށް ވަރަށް މުހިއްމު ރީޖަން އެކެވެ.
އަނެއްކޮޅުން ގަދަ އަލީގައި ބޭތިއްބި މީދާތައް ސްޕޭޓިއަލް ޓާސްކްތައް މާ ރަނގަޅަށް ފުރިހަމަ ކޮށްފައިވެ އެވެ.
އަދި ކުރިން ފަނޑު އަލީގައި ހަތަރު ހަފުތާ ބޭތިއްބި މީދާތައް އެއް މަސް ދުވަހު ބޭތިއްބުމަށް ފަހު ގަދަ އަލީގަދަ ހަތަރު ހަފުތާ ބޭތިއްބުމަށް ފަހު ހަވާލުކުރި މަސައްކަތް މާ ފުރިހަމައަށްކޮށް އެ އެއްޗެތީގެ ސިކުނޑި މުޅިން ބަރާބަރުވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.
ޖާނަލް ހިޕޮކެމްޕަސްގައި ޝާއިއުކޮށްފައިވާ މި ހޯދުމަކީ ވަށައިގެންވާ އަލީގެ ސަބަބުން ސިކުނޑީގެ ސްޓްރަކްޗާއަށް ބަދަލު އަންނަކަން ސާބިތުކުރެވުނު ފުރަތަމަ ހޯދުމެވެ.
"ބަނަ ދުވަހެއްގައި މާހައުލު އޮންނަ ފަދަ ގޮތަކަށް ފަނޑު އަލީގައި މީދާތައް ބޭތިއްބުމުން އެ އެއްޗެއްސަށް ދަސްކުރުމަށް ދަތިވި،" ދިރާސާގައި މަސައްކަތް ކުރެއްވި ޕްރޮފެސަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ފުރިފައިވާ ކާރު ޕާކްކުރާ ތަނެއްގައި ކާރު ބޭއްވުމަށްފަހު ޝޮޕިން މޯލެއްގެ ތެރޭގައި ނުވަތަ ސިނަމާގައި ދެ ތިން ގަޑިއިރު ހޭދަކުރުމަށްފަހު ނުކުމެ ކާރު އޮތް ތަން ފާހަގަ ކުރަން ދަތިވުން ފަދަ ކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.