ޕްރިންސް ހެރީ އާއި މޭގަން ކައިވެނިކުރާ ގަޑި އިއުލާނުކޮށްފި
ޕްރިންސް ހެރީ އާއި މޭގަން ކައިވެނިކުރާ ގަޑި އިއުލާނުކޮށްފި

އެންމެ ގިނަ ބަޔަކު މި އަހަރު އިންތިޒާރުކުރާ އެއް އިވެންޓަކީ އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި މަޝްހޫރު ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާ އެވެ. އަންނަ މެއި މަހުގެ 19 ގައި މި ކައިވެނި ކުރާނެކަން އިއުލާން ކުރުމަށްފަހު މިހާރު ވަނީ ކައިވެނީގެ ގަޑި އާއި އިތުރު ތަފްސީލްތައް ހާމަކޮށްފައެވެ.

ކެންސިންގްޓަން ޕެލަސްއިން ހާމަކޮށްފައިވާ ގޮތުގައި ސެއިންޓް ޖޯޖް ޗަޕެލްގައި މި ކައިވެނި ކުރާނީ އިގިރޭސިވިލާތުގެ ގަޑިން އެދުވަހު 12 ޖަހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:00 އެވެ.

ޝާހީ އާއިލާގެ އެހެން މެންބަރުންނެކޭ އެއްފަދައިން މި ކައިވެނީގެ އުފަލުގައި ވެސް އާންމުން ބައިވެރިކުރުމަށް މަރުހަބާ ކިޔާކަން ޕްރިންސް ހެރީ ވަނީ މީގެ ކުރިން ވެސް ހާމަކޮށްފައެވެ. މިގޮތުން އެއް ގަޑިއިރަށް ދިގުދެމިގެންދާ ރަސްމިއްޔާތަށް ފަހު، ވިންޑްސާ ގަނޑުވަރަށް ޕްރިންސް ހެރީ އާއި މޭގަން ދަތުރުކުރާ މަގުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

އެއަށް ފަހު މެހެމާނުންނާ އެކީ ސެއިންޓް ޖޯޖް ހޯލްގައި ކައިވެނީގެ ރިސެޕްޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ހަވީރު ވަގުތުގައި ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ފަރާތުން ދޭ ޕްރައިވެޓް ރިސެޕްޝަނެއް ވެސް އާއިލާގެ މެންބަރުންނަށާއި ގާތް ރަހުމަތްތެރިންނަށް އޮންނާނެއެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ އެންގޭޖްމަންޓް އިއުލާނުކޮށްފައި ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރުގައެވެ. މިއީ ޕްރިންސް ހެރީގެ އަލަތު ކައިވެނި ކަމުގައިވިޔަސް މިއީ މޭގަންގެ ދެވަނަ ކައިވެންޏެވެ.