13 ފެބުރުއަރީ 2018 - 12:22

ދިމިޝްގު (ފެބްރުއަރީ 13) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ މަރުނުވާ ކަމަށާއި އެކަމަކު ވައިގެ ހަމަލާތަކެއްގައި އޭނާ ވަރަށް ބޮޑަށް ޒަޚަމްވެގެން ސީރިއާގެ އިރުއުތުރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯދާފައިވާ ކަމަށް އިރާގުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިރާގުގެ އިންޓަލިޖެންސް އަދި ކައުންޓަޓެރަރިޒަމް ޑިޕާޓްމަންޓުގެ ވެރިޔާ އަބޫ އަލީ އަލް ބަސްރީ ވިދާޅުވީ ވައިގެ ހަމަލާތަކުގައި ޒަޚަމްވެފައި ވަނީ އޭނާގެ ދެފައި ކަމަށެވެ.
"އައިއެސްގެ ބައެއް މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ބަޣުދާދީ މަރެއް ނުވޭ. އޭނާ އަށް ދަނީ އައިއެސްގެ ބައެއް މެންބަރުން ހިމާޔަތް ދެމުން،" އަލް ބަސްރީ ވިދާޅުވި އެވެ.
ބަޣުދާދީ މިހާރު ހުރީ ސީރިއާގެ ދައިރުއް ޒޫގެ ހުޅަނގުން އޮންނަ ޖީޒާގައި ކަމަށް އަލް ބަސްރީ ވިދާޅުވި އެވެ. އަދި އޭނާ އަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން އެކަނި ހިނގާ ނޫޅެވޭ ކަމަށް ވެސް ބަސްރީ ވިދާޅުވި އެވެ.
އައިއެސްގެ ލީޑަރަށް އަމާޒުކޮށް ހަމަލަދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެމެރިކާ އިން ވަނީ ބަޣުދާދީގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
އެކަމަކު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިދިޔަ ޖޫން މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެއި މަހު 28 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި ބަޣުދާދީގެ އިތުރުން އައިއެސްގެ 330 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާގައި ބޭއްވި އައިއެސްގެ މިލިޓަރީ ކައުންސިލުގެ ބައްދަލުވުމަކަށް ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ.