14 ފެބުރުއަރީ 2018 - 06:22

މި އަހަރު އެންޑްރޮއިޑަށް ގެންނަ ބަދަލުތައް ގިނަ އެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް "ޔޫޒާ އިންޓަފޭސް" އަށް ގެންނަ ތަފާތުތައް ވެސް ހިމެނެ އެވެ. އެ ގޮތުގައި އައިފޯން 10ގެ ޑިޒައިނަށް ފޯނުތައް ބައްޓަންކުރުމަށް، "ނޮޗް" ޑިޒައިނަށް ސަމާލުކަން ދޭނެ ކަމަށް ބުނެވެ އެވެ.
އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި ކުރި އަށް އޮތީ "އެންޑްރޮއިޑް ޕީ" އެވެ. އެންޑްރޮއިޑް ޕީ އަކީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ އެއީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ އަދަދަކަށް ކިޔާ ނަމެއް ކަމެވެ. ގޫގުލުން މި އަހަރު ތައާރުފުކުރާ އެންޑްރޮއިޑްގެ އެ އަދަދަށް ކިޔާނެ ކަމަށް ބެލެވެނީ "ޕީ" އަކުރުން ފެށޭ ނަމެއް ކަމެވެ.
ގޫގުލްގެ ރޭވުންތައް ކުރިއާލައި އެނގޭ މީހުން ބުނާ ގޮތުގައި، އެންޑްރޮއިޑް ޕީ އަކީ "ޕިސްޓާޝިއޯ އައިސްކްރީމް" އެވެ. އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގެ އަދަދުތަކަށް ނަންދިނުމުގައި ގޫގުލުން އަމަލުކުރަނީ މި ކަހަލަ ގޮތަކަށެވެ؛ އެ ނަންތައް ވާންޖެހެނީ ކޮންމެވެސް ކަހަލަ ފޮނި ކާއެއްޗަކަށެވެ. މިއީ އުފެއްދުމުގެ މަރުހަލާގައި ކިޔާ ނަމެއް ކަމަށް ވެ އެވެ. އެހެންކަމުން، ފައިނަލް އަދަދަށް ކިޔާ ނަން އަދި ކަށަވަރެއް ނުވެ އެވެ.
ގޫގުލުން ބޭނުންވާހާ ފަރިކަމެއް، އެންޑްރޮއިޑް ޕީގައި ހިމަނައިގެން ނެރޭއިރު، އެއީ ވަކި ބްރޭންޑެއް ނުވަތަ ވަކި ކުންފުންޏެއް ތަފާތުކުރުމެއް ނެތި، ޚިދުމަތްދެވޭ ވަރުގެ އޮޕަރޭޓިން ސިސްޓަމަކަށް ވާނެ ކަމަށް ބުނެވެ އެވެ.
އައިފޯން 10 ގެ ޑިޒައިނަށް އެންޑްރޮއިޑް ފޯނުތައް ބައްޓަންކުރަން ބޭނުންވާ ކުންފުނިތަކަށް އެކަން ކުރެވޭނެ ފަރި ގޮތެއް ގޫގުލުން ކަނޑައަޅައިދޭނެ ކަމަށް ވެ އެވެ. އެ ގޮތުގައި، އައިފޯން 10ގެ ޑިސްޕްލޭ މަތީކޮޅުގައި އިންނަ "ނޮޗް" ނުވަތަ ހުސްތަން އެންޑްރޮއިޑް ހާޑްވެއާގައި ހިމެނުމަށް، އޮޕަރޭޓިން ސިސްޓަމަށް ވެސް ބަދަލުގެންނާނެ އެވެ.
އައިފޯން 10 އަދި އެސެންޝަލް ފޯނުގެ މަތީކޮޅުގައި، ކެމެރާ އަށް އަދި ސެންސަރުތަކަށް ކަނޑައަޅާފައި އިންނަ ޖާގަ ފެންނަނީ ހުސް ތަންގަނޑެއްހެންނެވެ. އެއީ ގިނަ ބަޔަކަށް ހުތުރު ސިފައެއް ނަމަވެސް މިހާރު ވެފައި ވަނީ ޒަމާނީ ފެޝަން ޑިޒައިނަކަށެވެ. އެ ޖާގަ ދިފާއުކޮށް ވާހަކަދައްކާ މީހުން ބުނަނީ، އައިފޯން 10، އައިފޯން 10އަކަށް ވަނީ އެ ޖާގައިގެ ސަބަބުން ކަމަށެވެ. ދެކޮޅުހަދާ މީހުން ބުނަނީ އެހެރީ އެޕަލް އަށް ޑިޒައިންކުރަން ނޭނގިފައި ކަމަށެވެ.
އެންޑްރޮއިޑް ޕީ އަށް ނޮޗް ޑިޒައިން އަންނައިރު، "ފޯލްޑަބްލް" ފޯނުތަކަށް ޚާއްސަ ސިފަތައް އަދި ހާޑްވެއާ ޑިޒައިންނަރުން ބޭނުން ނަމަ، ޕްރޮޖެކްޓާ ޑިޒައިން އަށް ވެސް ވިސްނަން ގޫގުލުން ތައްޔާރު ކަމަށް ވެ އެވެ.