16 ފެބުރުއަރީ 2018 - 07:58

ގޯލްޑެން ގްލޯބް އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު ޖޭމްސްގެ ފްރާންކޯގެ ބޮލުގައި އެޅުވި ޖިންސީ ގޯނާގެ ތުހުމަތަކާ އެކު އޭނާގެ ފިލްމީ ކެރިއަރުގެ ކުރިމަގާ މެދު ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. ކުރިއަށް އޮތް ތަނުގައި އޭނާ އަށް ކުރާނެ މަސައްކަތެއް ލިބޭނެތޯ ސުވާލު އުފެއްދި މީހުންނަށް އެޗްބީއޯ އިން ދިން ޖަވާބަކީ މި އެވެ؛ ފްރާންކޯ މުހިއްމު ރޯލެއް ކުޅޭ އެ ޗެނެލްގެ މަޝްހޫރު ޓީވީ ސިލްސިލާ "ދަ ޑިއުސް" ގެ ދެވަނަ ސިޒަނުން ވެސް އޭނާ ފެންނާނެ ކަމުގެ ޔަގީންކަން އެޗްބީއޯ އިން މިހާރު ވަނީ ދީފަ އެވެ.
މިދިޔަ މަހު ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި "ޑިޒާސްޓާ އާޓިސްޓް" އިން މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ބަތަލުގެ އެވޯޑް ހޯދި ފްރާންކޯއާ ދެކޮޅަށް މިހާތަނަށް ފަސް އަންހެނަކު ވާހަކަ ދައްކާފައިވެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ހަގީގަތުގައި އޭނާ އަށް ގްލޯބް އެވޯޑް ލިބުމުގެ އުފާ ވެސް ފާހަގަ ކުރެވޭ ގޮތެއް ނުވި އެވެ. އެޗްބީއޯ އިން ބުނީ ފްރާންކޯއަކީ "ދަ ޑިއުސް" ގެ ވަރަށް މުހިއްމު ބައެއް ކަމަށާއި އޭނާގެ ޕްރޮފެޝަނަލްކަމާ ދޭތެރޭ އެ މީހުން ސުވާލު ނުއުފައްދާ ކަމަށެވެ.
"ޑިދަ އުސް" އަކީ އެންމާނޑު ދެބޭންގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭ ސިލްސިލާއެކެވެ. މީގައި ފްރާންކޯ ކުޅެނީ ނިބޫ ކެރެކްޓާއެކެވެ. ފްރާންކޯ ވަނީ މި ސިލްސިލާގެ ބައެއް އެޕިސޯޑްތައް ޑައިރެކްޓްކޮށް، މީގެ ޕްރޮޑިއުސަރުގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
ސިލްސިލާގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، "ޑިއުސް" ގެ ޓީމުން ބުނީ ދެވަނަ ސީޒަންގެ ސްކްރިޕްޓްގައި ވެސް ފްރެންކީ އާއި ވިންސެންޓް މާޓިނޯގެ ކެރެކްޓާ ވަރަށް މުހިއްމު ކަމަށެވެ.
"ދަ ޑިއުސް" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ޑޭވިޑް ސައިމަން ބުނީ އެ ސިލްސިލާގެ މަސައްކަތުގައި ފްރާންކޯގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ "މަސައްކަތުގެ ފުރިހަމަ އަހުލާގެއް" ކަމަށެވެ.
"މީގައި މަސައްކަތް ކުރި އެއްވެސް މީހަކަށް އޭނާގެ ފަރާތުން މިހާތަނަށް ހިތްހަމަނުޖެހޭ އަދި ބޭއަދަބީ ކަމެއް ފާހަގަ ކުރެވިފައެއް ނެތް. އަދި އަހަރެމެންގެ ޓީމްގެ އެއްވެސް މީހެއްގެ ފަރާތުން ފްރާންކޯއާ ބެހޭ ގޮތުން މިހާތަނަކަށް އެއްވެސް ޝަކުވާއެއްކޮށްފައެއް ނެތް،" އޭނާ ބުންޏެވެ.
އެހެންވެ "127 އަވާޒް" އާއު "ވައި ހިމް" ފަދަ ފިލްމްތައް ކުޅެފައިވާ ފްރާންކޯއާ އެކު މަސައްކަތް ނުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސައިމަން ބުންޏެވެ.
މިދިޔަ އަހަރު ދައްކަން ފެށި "ދަ ޑިއުސް" ގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާ އެކު ނިންމާލައިފައިވާ އިރުު، ދެވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.