14 ފެބުރުއަރީ 2018 - 12:29

ލަންޑަން (ފެބްރުއަރީ 14) - އާސެނަލަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓްގެ ކަކުލަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު ހަ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ފްރާންސްގެ ލިޔޯން ދޫކޮށް މި ސީޒަނުގައި އާސެނަލަށް ބަދަލުވި ލަކަޒޭޓް ވަނީ މިހާތަނަށް އެ ޓީމަށް ނުވަ ގޯލު ޖަހައިދީފަ އެވެ. ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ވާދަވެރި ޓޮޓެންހަމް އަތުން 1-0 އިން އާސެނަލް ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ލަކަޒޭޓް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.
އާސެނަލުން ބުނީ ލަކަޒޭޓްގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާގެ ރިހެބިލިޓޭޝަން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ލަކަޒޭޓް ކުޅުމާ ދުރަށްދާން ޖެހުނުއިރު އާސެނަލަށް ވަނީ ޔޫރޮޕާ ލީގުގައި ފޯވާޑުންގެ ދަތިކަން ކުރިމަތިވެފަ އެވެ. ޔޫރޮޕާ ލީގު ދެ ވަނަ ބުރުގައި މާދަމާރޭ ސްވިޑެންގެ އޮސްޓެސުންޑާ ދެކޮޅަށް އާސެނަލް ކުޅޭއިރު އެ ޓީމުގައި ހުރީ މި މުބާރާތުގައި ކުޅެވޭ އެންމެ ފޯވާޑެކެވެ. އެއީ ޑެނީ ވެލްބެކް އެވެ. މި މުބާރާުތުގެ ގްރޫޕް ސްޓޭޖުގައި އާސެނަލަށް ކުޅުނު ފްރާންސްގެ އޮލިިވިއޭ ޖިރޫ ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ.
ނިމިގެންދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލުން އެ ކްލަބްގެ ރެކޯޑް އަގަކަށް ގަތް ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަށް މި މުބާރާތުގައި ނުކުޅެވޭނެ އެވެ. އެއީ އޭނާ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ޑޯޓްމަންޑް ޓީމުގައި ރަޖިސްޓްރީވެފައިވާއިރު، ޑޯޓްމަންޑް މިހާރު ކުޅެނީ ޔޫރޮޕާ ލީގުގައި ކަމަށްވުމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި އާސެނަލް މި ވަގުތު އޮތްއިރު، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް އެ ޓީމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.