އިންޑިއާގެ ފުޓްސަލް ލީގުގައި ރޮނާލްޑީނިއޯ އާއި ގިގްސް ކުޅެނީ
އިންޑިއާގެ ފުޓްސަލް ލީގުގައި ރޮނާލްޑީނިއޯ އާއި ގިގްސް ކުޅެނީ

އިންޑިއާގައި މިއަދު ފަށާ ޕްރިމިއާ ފުޓްސަލް ލީގުގައި، ރިޓަޔާކޮށްފައިވާ މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ދެ ލެޖެންޑުން ކަމަށްވާ ރަޔަން ގިގްސް އާއި ޕައުލް ސްކޯލްސް އާއި ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ އަދި އާޖެންޓީނާގެ ކުރީގެ ފޯވާޑް ހެނާން ކްރެސްޕޯ ކުޅޭނެ އެވެ.

އިންޑިއާގެ ފުޓްސަލް ލީގުގައި ރޮނާލްޑީނިއޯ އާއި ގިގްސް ކުޅެނީ
އިންޑިއާގެ ފުޓްސަލް ލީގުގައި ރޮނާލްޑީނިއޯ އާއި ގިގްސް ކުޅެނީ

ކްރިކެޓަށް މަރުދޭ އިންޑިއާގައި މުޅިން އަލަށް ފަށާ ފުޓްސަލް ލީގުގައި އެ ގައުމުގެ ހަ ސިޓީއެއްގެ ޓީމުން ވާދަކުރެ އެވެ. ކޮންމެ ޓީމަކަށް ވެސް ވަނީ، ދުނިޔޭގެ މަޝްހޫރު ކުޅުންތެރިޔަކު ގެނެސްފަ އެވެ.

ބެންގަލޫރު ޓީމުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ސްކޯލްސް ހިމެނޭއިރު ޗެންނާއީ ޓީމަށް ކުޅެނީ ފުޓްސަލްގެ ޕެލޭގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރެޒިލްގެ ފަލްކާއޯ އެވެ. ބާސެލޯނާ އާއި އޭސީ މިލާނުގެ ކުރީގެ މިޑްފީލްޑަރު ރޮނާލްޑީނިއޯ ކުޅެނީ އިންޑިއާގައި ފުޓްބޯޅައިގެ މަގުބޫލުކަން އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ގޯއާގެ ޓީމަށެވެ. ކޮޗިންގެ ޓީމަށް ސޮއިކޮށްފައިވަނީ ސްޕެއިނާއި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އެވެ. އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ ޓީމަށް ޗެލްސީ އާއި މިލާނުގެ ކުރީގެ ފޯވާޑް ކްރެސްޕޯ ކުޅޭއިރު މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް މިދިޔަ ތިން އަހަރު މަސައްކަތްކުރި ގިގްސް ކުޅޭނީ މުމްމާބީ ޓީމަށެވެ.

ކޮޗިން އާއި ޗެންނާއީ އަދި މުމްބާއީ ގްރޫޕް އޭ ގައި ހިމެނޭއިރު ބީ ގައި އޮތީ ކަލްކަތާ، ބެންގަލޫރު އަދި ގޯއާ އެވެ. ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. ގޯއާ އައި ޗެންނާއީ ކުރިއަށްދާ މި ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ގަ އެވެ.

އިންޑިއާގައި އަންނަނީ ސުޕަ ލީގުގެ ނަމުގައި ދުނިޔޭގެ މަޝްހޫރު ތަރިން ގެނެސްގެން ފުޓްބޯޅަ ލީގެއް ވެސް ބާއްވަމުންނެވެ. މި ލީގާ އެކު އެ ގައުމުގައި ފުޓްބޯޅައިގެ މަގުބޫލުކަން އިތުރުވެ، މާލީ ގޮތުން ބޮޑު ފައިދާއެއް އަންނަނީ ކުރަމުންނެވެ.