ކެރިއަރުގައި ކުރިއަށްދާން ސަމުއްޓެ އަށް ބޮޑު އަހަރެއް!
ކެރިއަރުގައި ކުރިއަށްދާން ސަމުއްޓެ އަށް ބޮޑު އަހަރެއް!

ފާއިތުވި ތިން އަހަރަށް ބަލާއިރު ރާއްޖޭގައި އެންމެ ރަނގަޅަށް އެއް ފެންވަރެއްގައި ކުޅެމުން އަންނަ އެއް ޑިފެންޑަރަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ އދ. މަހިބަދޫ އަށް އުފަން ސަމޫހު އަލީ (ސަމުއްޓެ) އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ސަމުއްޓެ ވަނީ ފުރުސަތު ހޯދައިފަ އެވެ. މި ސީޒަނާ ސަމުއްޓެ ކުރިމަތިލާއިރު، މިއީ އޭނާ އަށް ބޮޑު އަހަރެކެވެ.

ކެރިއަރުގައި ކުރިއަށްދާން ސަމުއްޓެ އަށް ބޮޑު އަހަރެއް!
ކެރިއަރުގައި ކުރިއަށްދާން ސަމުއްޓެ އަށް ބޮޑު އަހަރެއް!

މަހިބަދޫ ސްޕޯޓްސް ކްލަބް 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، އޭރު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ގޭމްޕްލޭނުގައި ގިނަ ފަހަރަށް ސަމުއްޓެ ބޭނުންކުރީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެެ. އެހެން ނަމަވެސް 2016 ވަނަ އަހަރު މާޒިޔާއާ ގުޅުނު ހިސާބުން ފެއްޓިގެން ސަމުއްޓެ ފެންނަނީ ޑިފެންސްގެ އެކި މަގާމުތަކުންނެވެ.

މާޒިޔާ އިން މި ސީޒަނާ ކުރިމަތިލާއިރު، އެ ޓީމުގެ ފަހަތަށް ކުޅޭ އަމްދާން އަލީ (އެންޑީ) ހުރީ އަނިޔާގަ އެވެ. އެހެން ކަމުން އެންޑީގެ މަގާމުގައި މި ފަހަރު ފަހަތަށް ކުޅޭނީ ސަމުއްޓެ އެވެ. ޒުވާން ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލެވިފައި އޮތް މާޒިޔާ ޓީމުގައި މި ފަހަރު ސަމުއްޓެގެ ދައުރު ބޮޑެވެ.

މާޒިޔާ އިން އުއްމީދު ކުރި ވަރުގެ ނަތީޖާއެއް މިދިޔަ ސީޒަނުގެ ފަހު ތިން މުބާރާތުގައި ނެރެވިފައިނުވުމާ އެކު، އަލުން އެ ކްލަބް ކުރިން އޮތް މަގާމަށް ވާސިލްވުމަށް ކުރާ މަސައްކަތުގަ އެވެ. އިދިކޮޅު ޓީމުތަކުގެ އެޓޭކް ހުއްޓުވުމަށް މާޒިޔާ އިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔަކީ އޭނާ ކަމަށްވާތީ އެވެ.

"މިއީ ހަގީގަތުގައި ވަރަށް މުހިއްމު އަހަރެއް. އެއީ އެންޑީ ވެސް އިންޖަރީގައި ހުރެފައި. ސެންޓްރަލް އަށް ކުޅެން ޖެހޭ އަހަރަކަށްވާތީ. ޓީމަށް ކާމިޔާބު ހޯދައިދޭން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން،" ކުރިއަށް އޮތް ސީޒަނާ ބެހޭގޮތުން ސަމުއްޓެ "މިހާރަ"ށް ބުންޏެވެ.

އުމުރުން 20 އަހަރުގެ ސަމުއްޓެ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެ މެޗުތަކުން ރާއްޖެ ބަލިވި ނަމަވެސް ތަޖުރިބާ މަދު ސަމުއްޓެ ފަރާތުން އުއްމީދީ ކުޅުމެއް ވަނީ ފެނިފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅޭއިރު، ޒުވާން ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރާނެ އެވެ. ސީނިއާ ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ސަމުއްޓެ އަށް ކުޅޭނެ ފުރުސަތު ނުލިބެ އެވެ.

ސަމުއްޓެ ބުނީ މި އަހަރު ވިސްނުން ހުރީ ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމަށެވެ.

"އަސްލު މި އަހަރު ބޭނުން ކުރިއަށް ވުރެން ދެ ގުނަ މަސައްކަތް ކުރަން. ގައުމީ ޓީމުގެ ވެސް ގިނަ މެޗުތަކެއް އޮތް އަހަރަކަށް ވުމުން ބޭނުންވަނީ ބޮޑަށް މަސައްކަތް ކޮށްގެން ޓީމުން ފުރުސަތު ހޯދަން،" އޭނާ ބުންޏެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ސަމުއްޓެ ވަނީ ބިދޭސީ ގިނަ ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެއީ ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ތިން ކޯޗުން ކަމަށްވާ ވެލިޒާ ޕޮޕޯފް އާއި ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓްގެ އިތުރުން މާޒިޔާ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން މަރްޔާން ސެކުލޮސްކީ އެވެ. މި ހުރިހާ ކޯޗުން ވެސް އެއްބަސްވާ އެއް ކަމަކީ ސަމުއްޓެ އަކީ މުސްތަގުބަލު އޮތް ހުނަރުވެރި ކުޅުންތެރިއެއް ކަމެވެ.