ވެލެންސިއާ އަށް ޔޫކްރޭން ދެ ކުޅުންތެރިން
ވެލެންސިއާ އަށް ޔޫކްރޭން ދެ ކުޅުންތެރިން

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބް ވެލެންސިއާ އިން ޔޫކްރޭންގެ މިޑްފީލްޑަރަކާއި ފޯވާޑެއް ގެނެސްފި އެވެ.

ވެލެންސިއާ އަށް ޔޫކްރޭން ދެ ކުޅުންތެރިން
ވެލެންސިއާ އަށް ޔޫކްރޭން ދެ ކުޅުންތެރިން

ވެލެންސިއާ އަށް ގެނައި ފޯވާޑަކީ ކުރިން ޔޫކްރޭން ދެ ވަނަ ޑިވިޝަނުގައި ކުޅުނު އުމުރުން 25 ސަރްގޭއި ޑްރިގާ އެވެ. މީގެ އިތުރުން ވެލެންސިއާއާ ގުޅުނު މިޑްފީލްޑަރަކީ އުމުރުން 23 އަހަރުގެ ވަލޭރީ ރިޝިން އެވެ. ވަލޭރީ ވަނީ މީގެ ކުރިން ޔޫކްރޭންގެ ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކުގެ ދެ ވަނަ ޓީމަށް ކުޅެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ކްލަބް ޝަކްތާރު ޑޮނެސްކާއި މަރިއޮޕޯލް ހިމެނެ އެވެ.

ވެލެންސިއާ އިން ދެން ގެނައީ ކިރްގިސްތާން މަޝްހޫރު ކްލަބް އަލްގާ ބިޝްކެކް އަށް ކުޅެފައިވާ ޑިފެންޑަރު އުމުރުން 21 އަހަރުގެ އައިޑާ އެވެ. މީގެ އިތުރުން ދެން ވެލެންސިއާ އިން ގެނައީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު ޖަޕާނުގެ ކީޕަރު ޖުން ކޮޗީ އެވެ.

މިދިޔަ އަހަރު އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލުނެވެ. އަދި އެކި ސަބަބުތަކާ ހުރެ ވެލެންސިއާ އިން އެފްއޭ ކަޕްގައި ވެސް ވާދަނުކުރެ އެވެ.

އާ ސީޒަނަށް ސޮބާއާ ޓީމު ހަވާލުކޮށް ވެލެންސިއާ ވަނީ ވަރުގަދަ ކޮށްފަ އެވެ. އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ރަނގަޅު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ.

އެގޮތުން ވެލެންސިއާ އިން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ކްލަބް އީގަލްސްގެ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި އަހުމަދު ނައުފަލް ގެނެސްފަ އެވެ. މީގެ އިތުރުން ނިއުގެ މުހައްމަދު ކަރަމް އާއި ކުރިން ވިކްޓަރީ އާއި ޓީީސީ އަށް ކުޅުނު އިބްރާހިމް ރިޒުވާން އާއި ގްރީން ސްޓްރީޓްސްގެ މޫސާ ހަސަން އާއި އަލީ އިފާޒް އާއި މިލަންދޫ އިން މިދިޔަ އަހަރު ފެނުނު މުހައްމަދު ނިޒާމް (ޕީކޭ) ވެސް ވަނީ ވެލެންސިއާއާ ގުޅިފަ އެވެ.