އާމިރު ޚާނާއި ޖޫހީ ޗައުލާ ވާހަކަ ނުދައްކާ ފަސް އަހަރު ތިބި
އާމިރު ޚާނާއި ޖޫހީ ޗައުލާ ވާހަކަ ނުދައްކާ ފަސް އަހަރު ތިބި

ބޮލީވުޑްގެ ތެ ތަރިން ކަމަށްވާ ޖޫހީ ޗައުލާ އާއި އާމިރު ޚާން ބޮލީވުޑް ކެރިއަރު ފެށީ އެއް ދުވަސްވަރެއްގަ އެވެ. މި ދެ ތަރިން އެކުގައި ކުޅުނު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ރިލީޒްވުމާ އެކު މިވަރުގެ ޖޯޑެއް ނެތް ކަމަށް، ހިންދީ ފިލްމަށް ލޯބިކުރާ މީހުން ބުނަން ފެށި އެވެ.

އެކުގައި ފިލްމު ކުޅުނު ދުވަސްވަރު ޖޫހީ އާއި އާމިރަކީ ގާތް ދެ އެކުވެރިންނެވެ. އެކަމަކު އެ ދެ މީހުންގެ އަރާރުން ވެސް އެހާ ބޮޑެވެ. ފިލްމުގެ ސެޓުތަކުގައި ދެ މީހުންގެ އަރާރުމުގެ ވާހަކައަކީ ވެސް މަޝްހޫރު ވާހަކަތަކެކެވެ. އަދި ދެ މީހުން ވާހަކަ ނުދައްކާ ވެސް ފަސް ވަރަކަށް އަހަރު ވަންދެން އުޅުނެވެ.

އާމިރާ ވާހަކަ ނުދައްކަން ޖޫހީ ނިންމީ "އިޝްގު"ގެ ޝޫޓިންގައި ހިނގި ހާދިސާ އަކަށް ފަހުގަ އެވެ. ޝޫޓިން އޮތް ދުވަހަކު އާމިރު ޖޫހީ ގާތު އޭނާއަކީ ވަރަށް މޮޅަށް އަތް ބަލަން ދަންނަ މީހެއް ކަމަށް ބުންޏެވެ. އަދި އަތް ބަލަން ކަމަށް ހަދާފައި ޖޫހީ އަތަށް ކުޅު ޖަހާފައި ދުވެ ފިލި އެވެ.

ފިލްމު ކުރޫންގެ ކުރިމަތީގައި އާމިރު މިހެން ހެދުމުން ޖޫހީ ވަރަށް ލަދުގަނެ ރުޅި ވެސް އަ އެވެ. އޭގެ ފަހުން ހައެއްކަ އަހަރު ވަންދެން އާމިރާ ވާހަކަ ނުދައްކާ ހުއްޓެވެ.

"އިޝްގު ކުޅުނުއިރު އަހަންނާއި އާމިރު ތިން ހަތަރު ފަހަރަކު ވަރަށް ގަދަޔަށް އަރާރުންވިން. އޭނާ ބައެއް ފަހަރަށް ޖެއްސުންކޮށް އަހަރެން ރޮއްވާލާނެ،" ޖޫހީ ބުނެފައިވެ އެވެ.

އާމިރާއި ޖޫހީ އަލުން ވާހަކަ ދައްކަން ފެށީ ދެ މީހުން އަލުން ބައްދަލުވެ ޖޫހީ އިސް ނަގައިގެން ވާހަކަ ދައްކަން ފެށި ހިސާބުންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި އެކުވެރިކަން އޮވެ އެވެ.