20 ފެބުރުއަރީ 2018 - 13:03

ދިމިޝްގު (ފެބްރުއަރީ 20) - ސީރިއާ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި އާއްމުންގެ 77 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.
ވެރިރަށް ދިމިޝްގާ ކައިރި ހިސާބަކަށް މި ހަމަލާ ދީފައި ވަނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހިސާބަކަށް އެއްގަމު މަގުން ހަމަލާ ދިނުމަށް މަގު ފަހި ކުރުމަށް ކަމަށް އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ. އީސްޓަން ގާޓާ އަށް ދިން ވައިގެ ހަމަލާތަކުގައި އާދިއްތަ ދުވަހުގެ ފަހުން މިހާތަނަށް 20 ކުޑަ ކުދިން މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ކަމަށް ވެސް އޮބްޒަވޭޓަރީން ބުނެފައިވެ އެވެ.
އީސްޓަން ގާޓާގެ ބައެއް މީހުން ބުނި ގޮތުގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ސަބަބުން ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ.
އިދްލީބާއި އީސްޓަން ގާޓާ އަށް މި މަހު ކުރީކޮޅު ދިން ހަމަލާތަކުގައި ވެސް ހަތަރު ދުވަސް ތެރޭ ވަނީ 200 މީހުން މަރުވެފަ އެވެ.