20 ފެބުރުއަރީ 2018 - 20:40

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި، އެ ގަރާރަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލިސް ދޫކުރައްވައި ވަޑައިގެންފި އެވެ.
މަޖިލީހާ ގުޅޭ ކަންކަމަށް ގާނޫނީ ލަފާ ދެއްވަން ކަނޑައަޅާފައި ހުންނަވާ ކައުންސެލް ޖެނެރަލް ފިލްޒާ މަޖިލިސް ދޫކުރައްވައި ވަޑައިގަތީ، އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރުގެ ބައިތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާއިރު، އިދާރީ މޭޒުގައި އާންމުކޮށް ކައުންސެލް ޖެނެރަލް އިންނަވައެ އެވެ.
އެނގިފައިވާ ގޮތުގައި، ފިލްޒާ ލަފާ ދެއްވާފައި ވަނީ ވެސް ކުއްލި ނުރައްކަލުގެ ހާލަތ އިއުލާން ކުރުމުގެ ގަރާރާ ގުޅޭ ކަންކަން މަޖިލީހުން ފާސްކުރުމާ ދެކޮޅަށެވެ.
މަޖިލިސް ދޫކުރައްވައި ވަޑައިގަތް މައްސަލަ އާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު މަޖިލީހުން ފާސްކުރުމާ މެދު ފިލްޒާ ދެއްވި ލަފައާ ގުޅޭ ގޮތުން، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ފިލްޒާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހަށް އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިޔާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން، ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓާ އެކު މިއަދު ހަވީރު ވަނީ ފާސްކޮށްފަ އެވެ
އެކަމަކު އެ ވޯޓުގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައި ނުގަތެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރު ކޯލިޝަންގެ 38 މެމްބަރުންގެ ތެރެއިން އެ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި ހަމައެކަނި މެމްބަރު ވެސް މެ އެވެ.