25 ފެބުރުއަރީ 2018 - 12:04

ރޭ އިންޑިއާ އާއި ހިންދީ ފިލްމަށް ލޯބިކުރާ އެންމެން ސިއްސުވާލީ މަޝްހޫރު ބަތަލާ ސްރީދޭވީގެ ކުއްލި މަރުގެ ހަބަރުންނެވެ. ފެބްރުއަރީ 25، 2018 ވެގެން މި ދިއައީ އިންޑިއާގެ ސިނަމާގެ ބަނަ ދުވަހަކަށެވެ. އުމުރުން 54 އަހަރުގެ ބަތަލާ މަރުވީ ދުބާއީގައި ޗުއްޓީއެއް ހޭދަކުރަނިކޮށް ޖެހުނު ވަރުގަދަ ހާޓްއެޓޭކެއްގަ އެވެ.
ސްރީދޭވީ އަކީ އާދައިގެ ތަރިއެއް ނޫނެވެ. އޭނާ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. އޭނާ ކުޅުނު ހިންދީ، ތަމަޅަ އަދި ތެލުގޫ ފަދަ ބަސްތަކުގެ ފިލްމުގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. އޭނާގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު ނުކުތް "މޮމް" އެވެ.
ބަތަލާއެއްގެ ގޮތުގައި ސްރީދޭވީ ފިލްމީ ދުނިޔެއަށް ތައާރަފްވީ 1978 ގައި ނުކުތް "ސޯލްވާ ސާވަން" އިންނެވެ. ނަމަވެސް އޭނާގެ ފާހަގަކޮށްލެވޭ މޮޅު ފިލްމުތައް ރިލީޒްވީ އޭގެ މާ ފަހުންނެވެ.
ސްރީދޭވީގެ ހުނަރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ފިމްލަކީ ސިކުނޑި ހަމަނުޖެހޭ މީހެއްގެ ބައިން ފެނުނު "ސަދްމާ" އެވެ.
ތިރީގައި އެވަނީ، ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ އަންހެނުން، ސްރީދޭވީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ.
ކައިވެނިކޮށް ދެ ދަރިން ލިބުމާ ގުޅިގެން ވަރަށް ގިނަ ދުވަހު ފިލްމު ކުޅުމާ ދުރުގައި ހުރެފައި ސްރީދޭވީ އެނބުރި ފިލްމީ ދުނިޔެއަށް އައީ މި ފިލްމުންނެވެ. މި ފިލްމުގައި ސްރީދޭވީ ދައްކާފައިވަނީ އާދަޔާޚިލާފު ހުނަރެކެވެ. ފިލްމުފެއާ އެވޯޑްގައި އެންމެ މޮޅު ބަތަލާގެ ބަޔަށް އޭނާ ނޮމިނޭޓްވި އެވެ.
މިއީ އޭނާގެ އެންމެ ފަހު ފިލްމެވެ. އަންހެންދަރިފުޅަށް އަނިޔާދިން ބައެއްގެ ފަރާތުން ބަދަލުހިފަން މަންމައަކު ކުރާ މަސައްކަތް ފިލްމުގައި އޭނާ ދައްކާދީފައި ވަނީ ވަރަށް މޮޅަށެވެ. މި ފިލްމުން ވެސް އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.
މި ފިލްމުގައި ކުޅެފައިވާ ރޯލުން އޭރު ދައްކައިދިނީ އޭނާ ފަދަ ކުޅަދާނަ ބަތަލާއިން މަދުވާނެ ކަމެވެ. ފައިސާގެ ދަހިވެތިކަން އިންތިހާއަށް ގޮސްފައިވާ އަންހެނެއްގެ ބައި ކުޅެފައި ވަނީ ވަރަށް މޮޅަށެވެ. އަދިވެސް ގިނަ ބައެއްގެ ހަނދާނުގައި އެ ފިލްމު ހަރުލާފައިވެ އެވެ.
މަންމަ އާއި ދަރިއެއްގެ ރޯލުން ވެސް މި ފިލްމުގައި ފެންނަނީ ސްރީދޭވީ އެވެ. އޭނާގެ މޮޅު ހުނަރަށް ފިލްމުފެއާގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނެވެ.
ސްރީދޭވީ އަދާކުރީ އިންސާނެއްގެ ސިފާގައި އުޅޭ ހަރުފައެއްގެ ބަ އެވެ. އޭރުގެ އާންމުން ގަބޫލުކުރީ އެވަރުގެ ރޯލެއް ކުޅެވޭނެ ދެވަނަ ބަތަލާއެއް ބޮލީވުޑްގައި ނެތް ކަމެވެ. މި ފިލްމުގައި ސްރީދޭވީ ދެއްކި ބައިގެ މޮޅުކަމުން 2013 ގެ ފިލްމުފެއާ އެވޯޑްގެ ހާއްސަ އަގުވަޒަންކުރުމެއް ވެސް އޭނާ އަށް ލިބުނެވެ.
މި ފިލްމުގައި އޭނާ ޕާފޯމްކޮށްފައިވާ "ތޫ މޭރީ ދުޝްމަން" އަކީ ޒަމާންތަކަކަށް މީހުން ހަނދާނުގައި ހުންނާނެ ކްލެސިކް ލަވަ އެކެވެ.
މިއީ ބަަތަލާގެ ގޮތުގައި ސްރީދޭވީ ކުޅުނު ދެ ވަނަ ފިލްމެވެ. ކުޑައިރު ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަނދާންތައް ފިލާފައިވާ މޮޔަ އަންހެންކުއްޖެއްގެ ރޯލުުން އޭނާ ވަނީ ފިލްމުފެއާ އެވޯޑްގެ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.
މި ފިލްމުގައި ބަތަލުގެ ރޯލު އަދާކުރި ކަމަލަ ހަސަން ވަނީ، ސްރީދޭވީގެ މަރާ އެކު، މި ފިލްމުގެ ހަނދާންތައް އާކޮށްފަ އެވެ. އޭނާ ބުނީ ފިލްމުގައި ސްރީދޭވީ ކިޔާފައިވާ ނާނާއެއް ކަހަލަ ލަވަ މުޅި އުމުރަށް ވެސް އޭނާއަށް އުނދަގޫ ކުރާނެ ކަމަށެވެ.
މިއީ ވެސް ސްރީދޭވީ ޑަބަލް ރޯލު ކުޅުނު ފިލްމެކެވެ. ވަރަށް ތަފާތު ދެ މިޒާޖެއްގެ އެއްމާބަނޑު ދެބެންގެ ރޯލެވެ. ހެއްވާ މަޖާ ބައިތައް ވެސް އޭނާހާ މޮޅަށް ކުޅެވޭނެ އެކްޓަރެއް އޭރު ނެތްކަން، ސަނީ ޑިއޯލް ބަތަލެއްގެ ރޯލުން ފެންނަ މި ފިލްމުން ސްރީދޭވީ ސާބިތުކޮށްދިނެވެ.
ދެބަސްވެވެން ނެތް ހަގީގަތަކީ އަނިލް ކަޕޫރާ އެކު އޭނާ ކުޅުނު މި ފިލްމު އަދިވެސް އިންޑިއާގައި މަޝްހޫރު ކަމެވެ. އޭގެ ލަވަތައް އެކަންޏެއް ނޫނެވެ. ސްރީދޭވީގެ ހުނަރުން ގިނަ ބައެއްގެ ހިތް އަތުލި އެވެ.
އަނިލް ކަޕޫރާއި ސްރީދޭވީ އަކީ ފިލްމުތަކުގެ ގުޅޭ ޖޯޑެއްކަން އަނެއްވެސް މި ފިލްމުން ދައްކައިދިނެވެ. ސްރީދޭވީ ކުޅެނީ ނުލަފާ ހަރުކަށި އަންހެނެއްގެ ބަ އެވެ. އޭނާގެ ހުނަރަށް މި ފިލްމުން ވެސް ވަނީ ފިލްމުފެއާ އެވޯޑްގެ އެންމެ މޮޅު ބަތަލާގެ ބަޔަށް ނޮމިނޭޓްވެފަ އެވެ.
ޗާނދުނީގެ "މެރެ ހޯތޯންމެ ނޯނޯ ޗޫޅިޔާ" އަކީ މިހާރުވެސް އިންޑިއާގެ ކައިވެނި ޕާޓީތަކުގައި އާއްމުކޮށް ޖަހާ ލަވައެކެވެ. އެހާވެސް މި ފިލްމާއި ލަވަތައް މަޝްހޫރެވެ. ޔާޝް ޗޯޕްރާގެ މި ފިލްމުގައި ރިޝީ ކަޕޫރުގެ ލޯބިވެރިޔާގެ ބައި ސްރީދޭވީ ކުޅުނު އިރު، އަސަރު ގަދަ އެތައް މަންޒަރަކުން ބެލުންތެރިންގެ ހިތް އޭނާ އަތުލި އެވެ.