25 ފެބުރުއަރީ 2018 - 13:19

ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ބުރީގެ ވައި ގޮޅިއަކުން ބިދޭސީއަކު ވެއްޓި ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެ އެވެ.
އެ ފިރިހެން މީހާ މިއަދު 11:40 ހާއިރު ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެ މީހާ އަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ފަރުވާ ދެމުން އަންނާތީ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ހުޅުމާލޭ ފަސް ނަންބަރު ފްލެޓްގެ ތިން ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ވައިގޮޅިންނެވެ. ނަމަވެސް އޭނާ ވެއްޓުނީ ކޮން މަސައްކަތެއްގައި އުޅެނިކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ.
މީގެ ކުރިން މާލޭގެ ފްލެޓެއްގެ ސިޑިގޮޅިއަކުން ވެއްޓި ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ.