26 ފެބުރުއަރީ 2018 - 12:54

ހުއްދަކުރާ ވަރަށް ވުރެ ގިނައިން ސިނގިރޭޓް ގެންގުޅުނު ދިވެހި ފިރިހެން ކުއްޖަކު ސްރީ ލަންކާގައި ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި 18 އަހަރު ނުފުރޭ އެ ކުއްޖާ ހައްޔަރުކުރީ މީގެ ދެ ދުވަސް ކުރިންނެވެ. މިއީ ލަންކާގައި ދިރިއުޅޭ ނުވަތަ ލަންކާއަށް ޒިޔާރަތްކުރި ކުއްޖެއް ކަމެއް ސާފެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ. އޭނާ ދޫކޮށްލާނީ ކޯޓަށް ގެންގޮސް، ޖޫރިމަނާ ދެއްކުމުންނެވެ.
ލަންކާއަށް ދާއިރު ސިނގިރޭޓް ގެންދިޔުން މަނާކޮށްފައިވާއިރު ބޭނުން ކުރާ ވަރަށް ވުރެ އަތުގައި ބަހައްޓައިގެން އޭގެ ވިޔަފާރި ކުރުމަކީ އެ ގައުމުގައި މަނާކަމެކެވެ.
މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، ލަންކާގައި ކިޔަވަން ހުރި ދިވެހި އަންހެން ކުއްޖެއްގެ އަތުން ވެސް ހުއްދަ މިންވަރަށް ވުރެ ގިނައިން ސިނގިރޭޓް ފެނިގެން، އެ ކުއްޖާ ހައްޔަރުކުރި އެވެ. އެކަމަކު ޖޫރިމަނާއަކަށް ފަހު ދޫކޮށްލީ އެވެ.