27 ފެބުރުއަރީ 2018 - 21:34

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތައް ބައިވެރިވާ ޖަމިއްޔާ، ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ފަސް ވަނަ އަހަރީ އާއްމު ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ސައިރިކްސް ކޮލެޖުގައި ބޭއްވި އެ ބައްދަލުވުމުގައި ވަނީ، އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އަށް ބައެއް ބަދަލުތައް ގެނެސް މަތީ ތައުލީމުގެ ދާއިރާ އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މަތީ ތައުލީމުގެ ދާއިރާ އިސްތިހާރުކޮށް ކޮލެޖުތަކާއި ސަރުކާރާ ގުޅިގެން ރައްޔިތުންނާއި ދަރިވަރުންގެ އިތުބާރު ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ. އަދި ކޮލެޖުތަކުގެ ފެންވަރު މަތިކުރުމަށް ބާރު އަޅައި އެ ޖަމިއްޔާގެ މެމްބަރުން މަޝްވަރާކޮށްފައި ވެ އެވެ.
ފީމްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ކޮލެޖްތަކަކީ، ސައިރިކްސް، ވިލާ، މެޕްސް، އެވިޑް، އެމްއައި އަދި ކްލިކް ކޮލެޖެވެ. އޭގެ އިތުރުން މިއަދު ވަނީ އިތުރު ތިން މަރުކަޒު އެ ޖަމިއްޔާއާ ގުޅިފަ އެވެ. އެއީ އެޓްރެއިނިން އިންސްޓިޓިއުފް އޮފް ޕްރޮފެޝަނަލް ސާވިސަސް އެކަޑެމީ (ޓިޕްސް އެކަޑެމީ) އާއި މެރިޓައިމް އެކަޑެމީ އަދި ދިވެސް އިންސްޓިޓިއުޓެވެ.
ތިން ކޮލެޖެއް ގުޅިގެން މީގެ ފަސް އަހަރު ކުރިން އުފެއްދި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ، މަތީ ތައުލީމްދު އަމިއްލަ ކޮލެޖުތައް ގުޅިގެން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދީ، ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ.