"ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި އަޅުވަނީ
"ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި އަޅުވަނީ

މި މަހު ހައެއްގައި އެޅުވި މި އަހަރުގެ ފުރަތަމަ ފިލްމް "ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ފިލްމްގެ އެއް ޕްރޮޑިއުސަރު އަދި "ދެވަންސޫރަ" ގައި ފުލުހެއްގެ ރޯލް ކުޅުނު އަލީ ޝަޒްލީމް ބުނީ ހުކުރު ދުވަހު ޝޯ އަޅުވަނީ ހަވީރު 4:00 ގައި ކަމަށެވެ. އަދި މިހާރު އޮލިމްޕަހުން ޓިކެޓް ވިއްކަމުން އަންނަ ކަމަށް ބުންޏެވެ.

"ހުކުރު ދުވަހު ހަވީރު އެކަނި ޝޯއެއް މި އަޅުވަނީ،" އޭނާ ބުންޏެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދެވަންސޫރަ" ފެބްރުއަރީ މަހުގެ 6-17 އަށް އޮލިމްޕަހުގައި ދެއްކި އެވެ.

ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައުވައިދޭ ފިލްމްގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، މުހައްމަދު ފައިސަލް، ފާތުމަތު (އަޒޫ) އާޒިފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އިބްރާހީމް (ޖިމީ) ޖިހާދު، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ.

މީގެ އިތުރުން "ދެވަންސޫރަ" އިން ވަނީ އާ ބަތަލާއަކު ވެސް ތައާރަފުކޮށްފަ އެވެ. އެއީ މަރިޔަމް ޝިފާ އެވެ.

އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފާތުމަތު ނަހުލާގެ "ބޮސް" އާއި "4426" ގެ ޝޯތަކެއް ވެސް އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ.

އޮލިމްޕަހުގައި ދެން އެންމެ އަވަހަށް އަޅުވާނެ އާ ފިލްމަކީ އަންނަ ހޯމަ ދުވަހުގެ ރޭ އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އެވެ.