ޔޫރަޕަށް ސްނޯ ފައިބައި އާދަޔާޚިލާފަށް ފިނިގަދަވެއްޖެ
ޔޫރަޕަށް ސްނޯ ފައިބައި އާދަޔާޚިލާފަށް ފިނިގަދަވެއްޖެ

ލަންޑަން (ފެބްރުއަރީ 28) - ޔޫރަޕް މިހާރު ތަޖްރިބާ ކުރަމުންދާ އާދަޔާޚިލާފު ގަދަ ފިނީގައި ޔޫރަޕުގެ ބޮޑު ބައެއް ސްނޯ އިން ބައްދާލައިފި އެވެ.

ޔޫރަޕަށް ސްނޯ ފައިބައި އާދަޔާޚިލާފަށް ފިނިގަދަވެއްޖެ
ޔޫރަޕަށް ސްނޯ ފައިބައި އާދަޔާޚިލާފަށް ފިނިގަދަވެއްޖެ

ވަނަމެއްގެ ގޮތުން " ބީސްޓް ފްރޮމް ދި އީސްޓް" ގެ ނަން މިހާރު ބޭނުން ކުރާ ގަދަފިނީގައި އިނގިރޭސި ވިލާތުގައި ފިނިމިން ވަނީ 30- ޑިގްރީ އަށް ވެއްޓިފަ އެވެ. ގަދަ ފިނީގެ ސަބަބުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އިނގިރޭސި ވިލާތުން ހަތް މީހުން މަރުވެފައިވާ އިރު ޕޮލެންޑުން ފަސް މީހުން އަދި ރުމޭނިއާ އިން ދެ މީހުން މަރުވެފައިވެ އެވެ.

އެހީދޭ ޖަމާއަތްތަކުން މިހާރު ވަނީ ވަގުތީ މަރުކަޒުތައް ގާއިމްކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ އާއި ރަޖާ ފަދަ ތަކެތި ފޯރުކޮށްދޭން ފަށައިފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ އެކަކު އަނެކަކު ހާލު ބަލާ އެހީތެރިވުމަށް އާއްމުންގެ ކިބައިން އެދިފަ އެވެ.

ޕޮލެންޑުގެ ފުލުހުން ބުނީ ހޯމަ ދުވަހު ވަރަށް ބޮޑަށް ފިނިގަދަވުމުން ފަސް މީހުން މަރުވެފައިވާ ކަމަށެވެ. ރުމޭނިއާ އިން ބުނެފައި ވަނީ ސްނޯގެ ސަބަބުން ގިނަ މަގުތައް ބަންދުކޮށް 100 އަށް ވުރެ ގިނަ ރޭލުގެ ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ.

އިޓަލީ އަށް ވެސް ފިނިގަދަވެ ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ރޯމަށް ސްނޯ ފައިބައިފަ އެވެ. ޖަރުމަނުގެ މެޓް އޮފީހުން ބުނި ގޮތުގައި އެ ގައުމުގެ ޒުގްސްޕިޒްގައި އިއްޔެ ވަނީ ފިނިމިން 30- ޑިގްރީ އަށް ދަށްވެފަ އެވެ. އެހެން ގިނަ ހިސާބުތަކުގައި ފިނިހޫނުމިން ހުރީ 10- ޑިގްރީ ސެލްސިއަސްގަ އެވެ.

ގަދަފިނީގައި ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަސް ތެރޭ ޔޫރަޕުން 24 މީހުން މަރުވެފައިވާ ކަމަށް އޭއެފްޕީން ބުނެ އެވެ.