02 މާޗް 2018 - 08:56

ލަންޑަން (މާޗް 2) - ޗެލްސީ ކޯޗުކަމާ ހަވާލުވާން ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހުށަހެޅި މުސާރަދޭން ޗެލްސީން ދެކޮޅު ހަދާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނަށް ފަހު ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވާނެ ކަމަށް ބެލެވޭއިރު، އޭނާއާ އަލުން އިޓަލީ ގައުމީ ޓީމު ހަވާލުކުރަން އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ބޭނުންވާ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
ސީޒަނުގެ ކުރީކޮޅު ކޮންޓޭ މަގާމުން ދުރު ނުކުރެވުނީ އެ ކްލަބުގެ ވެރިޔާ އަބްރަމޮޗިޗާ އެ ކްލަބްގެ ބޯޑާ އުފެދުނު ހިޔާލުތަފާތުވުން ތަކެއްގެ ސަބަބުންނެވެ.
ޗެލްސީއާ ހަވާލުވަން އެންރީކޭ ވަނީ މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ޗެލްސީގެ އޮފިޝަލުން ވަނީ އެންރީކޭއާ ދާދި ފަހުން ސްޕެއިނުގައި ބައްދަލުކޮށްފަ އެވެ. އެންރީކޭ ބޭނުންވީ އޭނާ އެންމެ ފަހުން ބާސެލޯނާ ދޫކޮށްލިއިރު ހުރި މުސާރަ އަށް ޗެލްސީއާ ހަވާލުވާށެވެ. އެއީ އަހަރަކު 16.5 މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ.
ޗެލްސީ ކޯޗުކަމުގައި މި ވަގުތު ކޮންޓޭ ހުރީ އަހަރަކު 9.5 މިިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. އެއީ ފަހުން އާ ކުރި ކޮންޓްރެކްޓާ އެކުގަ އެވެ. ޗެލްސީގެ ވިސްނުން ހުރީ އެންރީކޭ އަށް ވެސް މިވަރުގެ އެއްބަސްވުމެއް ދިނުމަށެވެ.
ސްޕެއިނުގެ މިޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި އެންރީކޭ ވަނީ އޭނާގެ މުސާރަ އާއި ޑިމާންޑްތަކަށް ގޮތެއް ނިންމަން ޗެލްސީ އަށް ދެ ހަފްތާގެ މުއްދަތެއް ދީފަ އެވެ. އެއީ އެހެން ކްލަބްތަކުން ވެސް އޭނާއާ މަޝްވަރާ ކުރަމުންދާތީ އެވެ. ޗެލްސީއާ އެކު ބޭއްވި މަޝްވަރާތަކުގައި ސީޒަނުގެ މެދުތެރެއިން އެ ޓީމާ ހަވާލުވާން އެންރީކޭ ބޭނުމެއްނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ބާސެލޯނާ ބީ ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ ވަނީ އޭގެ ފަހުން އިޓަލީގެ ރޯމާ އާއި ސްޕެއިނުގެ ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ. އެންރީކޭ ބާސެލޯނާއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމުގައި އޭނާ ހޭދަކުރި ތިން ސީޒަނުގައި ނުވަ މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.