ކަރެކްޝަންސްގެ ސުޕްރިންޓެންޑެންޓް އާސިފް މަގާމުން ވަކިކޮށްފި
ކަރެކްޝަންސްގެ ސުޕްރިންޓެންޑެންޓް އާސިފް މަގާމުން ވަކިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފް ވަޒީފާ އިން އިއްޔެ ވަކިކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒްންސް އަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ އާސިފް ވަޒީފާ އިން ވަކިކުރީ އެނގިފައިވާ ގޮތުގައި އެމްސީއެސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވި ކަމަށް ބުނެ އެވެ. އެކަމަކު އާސިފް ވަކިކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް އޭނާއަކަށް އެމްސީއެސް އިން ނާންގާ ކަމަށް ވެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރި ކަމެއް ވެސް އެނގިފައެއް ނެތެވެ.

މި މައްސަލާގައި މީޑިއާއާ އެއްވެސް ވާހަކައެއް ދައްކަވަން އާސިފް އަދި ބޭނުމެއް ނުވެ އެވެ.ސަސްޕެންޑް ކުރުމާ ހަމައަށް، އާސިފް ހުންނެވީ ހުޅުމާލޭގެ ޑިޓެންޝަންސް ސެންޓަރު ހިންގުމާ ހަވާލުވެ އެވެ.

އާސިފަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ އިން މަތީ ފެންވަރުގެ ކޯސްތައް ފުރިހަމަ ކުރައްވައި، އަދި އެ ދާއިރާގައި އުޅުއްވާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭފުޅެކެވެ.