ބެކްޓީރިއާ ހުރި މެލަން ކައިގެން އޮސްޓްރޭލިއާގައި ތިން މީހުން މަރުވެއްޖެ
ބެކްޓީރިއާ ހުރި މެލަން ކައިގެން އޮސްޓްރޭލިއާގައި ތިން މީހުން މަރުވެއްޖެ

ސިޑްނީ (މާޗް 3) - ލިސްޓީރިއާ ބެކްޓީރިއާ ހުރި މެލަން ކައިގެން އޮސްޓްރޭލިއާގައި ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.

ނިއު ސައުތު ވޭލްސްގައި މިހާރު ވަނީ ބެކްޓީރިއާ ހުރި ރޮކްމެލަން ކައިގެން 15 މީހަކު ބަލިވެފަ އެވެ. ބެކްޓީރިއާ ހުރި މެލަން ކައިގެން ފުރަތަމަ ދެ މީހުން މަރުވީ ވެސް ނިއު ސައުތު ވޭލްސް އިންނެވެ. ތިން ވަނަ މީހާ މަރުވީ ވިކްޓޯރިއާ ސްޓޭޓުންނެވެ. މެލަން އިން ބެކްޓީރިއާ ފެނުމާ ގުޅިގެން އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން މި ދުވަސްވަރު މެލަން ނުކާން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެލަންގައި ބެކްޓީރިއާ ހުރި މައްސަލަ ފާހަގަވާން ފަށާފައި ވަނީ ޖެނުއަރީ މަހުން ފެށިގެންނެވެ. ނިއު ސައުތު ވޭލްސްގެ ކޮމިއުނިކެބަލް ޑިޒީޒް ޑިރެކްޓަރު މިހާރު ވަނީ މާޗު 1 ގެ ކުރިން ގަނެފައިވާ މެލަން ބޭނުން ނުކުރަން އަންގައިފަ އެވެ. ބެކްޓީރިއާ ހުރި މެލަން ފާހަގަ ކުރެވިފައި ވަނީ ނިއު ސައުތު ވޭލްސްގެ ސިޓީއެއް ކަމަށްވާ ގްރިފިތުއާ ކައިރީގައިވާ ދަނޑަކުންނެވެ.