03 މާޗް 2018 - 20:59

ބްރޯޑްކާސްޓިން ކޮމިޝަނުން ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ ޖޫރިމަނާ ފައިސާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވީ މީޑިއާ އިން ފަންޑް ފޮށްޓެއް ހުޅުވައިފި އެވެ.
"ހަނގާ ފަންޑު ފޮށި"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވީޓީވީގައި ހުޅުވި ފަންޑު ފޮށްޓަކީ ވީޓީވީ އާއި ވީއެމްއެފްއެމުން އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެ އިން ކޮންމެ ތަނެއް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުން އެ ފައިސާ ހޯދަން ހުޅުވި ފަންޑު ފޮށްޓެކެވެ.
ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާކުރީ މިދިޔަ ޑިސެމްބަރު މަހު އެ ދެ ސްޓޭޝަނުން ގެނެސްދިން އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ވާހަކަ ދެއްކި މައްސަލައިގަ އެވެ. މުސްތަފާގެ އެ ވާހަކައިގެ އަޑު ކަނޑާލުމެއް ނެތި، އެ ދެ ސްޓޭޝަނުން ބްރޯޑްކާސްޓް ކޮށްފައިވާތީ އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ދެ ސްޓޭޝަނަށް ކުރި ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދެއްކުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ރާއްޖެ ޓީވީ ވެސް ކުރިން ޖޫރިމަނާކުރި އެވެ. އެ ޖޫރިމަނާ އެ ސްޓޭޝަނުން ވަނީ ދައްކައިފަ އެވެ. އެ ސްޓޭޝަނުން ވެސް ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަނީ ފަންޑު ފޮށްޓެއް ހުޅުވައިގެން، އެ އިން ލިބޭ ފައިސާއިންނެވެ.