އިލްހާމް ދެއްވި "ހޫނު ފެނުގެ" އިންޒާރު ތަހުގީގު ކުރަނީ
އިލްހާމް ދެއްވި "ހޫނު ފެނުގެ" އިންޒާރު ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުު އިލްހާމް އަހްމަދު، މަޖިލީހުގެ މެމްބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިލްހާމް، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރައީސް ޔާމީންގެ އަރިހުގައި ހުންނެވި ދުވަސްވަރު، މެމްބަރުންތަކަކަށް އިންޒާރު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުމުންނެވެ. އެ ވޯޓާ ދެކޮޅަށް ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، އިލްހާމް ވިދާޅުވެފައި ވަނީ މަސީހް މަގާމުން ދުރުކުރުމަށް ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ" މެމްބަރުން ކަމަށެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި، ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފް، ފުލުހުންނަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން މި ފެށީ، ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވައި ޕީޕީއެމުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.

މެމްބަރުންނަށް އިންޒާރު ދެއްވި މައްސަލައިގެ ތަހުގީގުގައި، މިދިޔަ ހަފުތާގައި ފުލުހުން ވަނީ އިލްހާމްއާ ސުވާލުކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި މައްސަލަ ފޭލްކޮށްލައްވާނެ ކަމަށް ވިދާޅުވެ، އިލްހާމް އޭރު ވިދާޅުވެފައި ވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައި މައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.

"ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ [މަސީހު ވަކިކުރަން] ވޯޓުލާންވީ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ،" އިލްހާމް ވިދާޅުވެފައިވެ އެވެ.

އެކަމަކު އޭގެ ފަހުން، މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި އިލްހާމް ވެސް ސޮއި ކުރެއްވި އެވެ. އެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރުގައި ވަރަށް ގިނަ ދުވަހު އުޅުއްވުމަށް ފަހު މާލެ ވަޑައިގަތް ތަނުން އެއާޕޯޓުން އޭނާ ހައްޔަރު ކުރި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭނާ ހައްޔަރުކުރީ، މާލޭގައި އުޅުއްވަނިކޮށް އޭނާ ހޯދަން ފުލުހުން އިއުލާންކޮށްގެން ދެތިން ދުވަސްވީ ފަހުން، އޭނާ އަމިއްލަ އަށް ފުލުސް އޮފީހަށް ވަޑައިގަތުމުންނެވެ.