06 މާޗް 2018 - 12:34

ސިޔާސީ "ނަފްރަތުގައި" ގައުމު ކެކެމުންދާއިރު، އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައިވާ އެއް ބަޔަކީ ފުލުހުންނެވެ. ސޯޝަލް މީޑިއާގައި މިދުވަސްކޮޅު އެންމެ ބޮޑަށް ވައިރަލް ވަނީ ވެސް، ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތުގެ މަންޒަރުތަކެވެ. އެކަމަކު މިފަހަރު އެއްވުމުގެ މަންޒަރެއް ނޫނެވެ؛ އިދިކޮޅު އެމްޑީޕީގެ ދިދައެއް ބާލަން ފުލުހަކު ކުރި ހިތްވަރެވެ.
ނ. މަނަދޫ، އެމްޑީޕީގެ ހަރުގޭގައި ފަންސާހަކަށް ފޫޓު އުހަށް ނަގާފައިވާ އެ ޕާޓީގެ ދިދަ ބޭލީ ފުލުހަކު އެ ދިދަ ދަނޑިއަށް އަރައިގެންނެވެ. އެ ދިދަ ބޭލީ ގައުމީ ދިދަ އަށް ވުރެ އުސްކޮށް ނަގާފައިވާތީ، ކޯޓު އަމުރަކަށެވެ.
ގައުމީ، ދިދަ އަށް ވުރެ އުސްކޮށް އެއްވެސް ދިދައެއް ނެގުން މަނާކޮށް، ހޯމް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އުސޫލެއް އެކުލަވާލައިފަ އެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުން ދިދަ ބޭލީ ކޯޓު އަމުރެއްގެ ހޯދައިގެންނެވެ. ފާޑުކިއުން އަމާޒުވީ، ދިދައެއް ބާލަން ފުލުހުން އެހާ ބުރަ މަސައްކަތްކުރި އިރު ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމާއި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށްދޭން އެ މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.
ސޯޝަލް މީޑިއާގައި އެކަކު ބުނެފައި ވަނީ، "ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ދިދަ ހައްޔަރުކުރީ" ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ.
އެހެން މީހަކު ބުނެފައި ވަނީ، ރަށްތަކުން އެމްޑީޕީ ފޮހެލަން، އެ ޕާޓީގެ ދިދަތައް ނެގިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެމްޑީޕީ އަކީ ހިތާހިތުގެ ގުޅުމެއް ކަން މަނަދޫގައި އެމްޑީޕީ އަށް އޮތް ތާއީދުން ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި، މަނަދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
މަނަދޫ ކައުންސިލަރަކު ވިދާޅުވި ގޮތުގައި ދިދަ ނެގީ، އިދިކޮޅުން ކުރާ އިސްލާހީ މަސައްކަތް ހުއްޓުވުމަށެވެ.
މިއީ، ދިދައެއް ބާލައިގެން ފުލުހުންނަށް އަމާޒުވި ފާޑުކިއުންތަކެވެ. އަދި އޮތީ ކުރިއަށެވެ.