ކޮކާކޯލާ އިން ދުވުންތެރިޔާ ނަސްރު ސްޕޮންސާކޮށްފި
ކޮކާކޯލާ އިން ދުވުންތެރިޔާ ނަސްރު ސްޕޮންސާކޮށްފި

ކޮކާކޯލާގެ އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު ދިގު ރާސްތާ ދުވުންތެރިޔާ ނަސްރުﷲ އަހުމަދު ހަމަޖައްސައި ފިޓްނަސް ޕްރޮމޯޓްކުރުމުގެ މަސައްކަތެއް އޭނާއާ އެ ކުންފުނިން ހަވާލުކޮށްފި އެވެ.

މިހާތަނަށް ބައިނަލްއަގްވާމީ 23 މެރެތަނެއްގައި ދުވެފައިވާ ނަސްރު ބުނީ ކޮކާކޯލާ އިން އޭނާއާ އެކު ހެދި އެއް އަހަރުގެ އެއްބަސްވުމުގެ ދަށުން ޓްރެއިނިންތަކުގެ ހަރަދުގެ އިތުރުން ރޭސްތަކުގައި ބައިވެރިވުމަށް ކުރަން ޖެހޭ ދަތުރުތަކުގެ ހަރަދުދޭނެ ކަމާށެވެ.

"މިއީ ވަރަށް ބޮޑު ލުޔެއް. އަމިއްލަ ހަރަދުގައި މިކަން ކުރަމުން މި އައީ (މިހާތަނަށް)،" ސިފައިންގޭގައި ވަޒީފާ އަދާކުރާ ނަސްރު ބުންޏެވެ.

ކޮކާކޯލާ އިން ފިޓްނަސް ޕްރޮމޯޓްކުރުމަށްޓަކައި މަހަކު ދެ ފަހަރު ސްކޫލްތަކާއި އެކިއެކި ތަންތަނުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ނަސްރު ބައިވެރިވެ ކިޔަވައިދޭނެ އެވެ.

"އެ ކުންފުނިން ބާއްވާ ކްލާސްތަކުގައި ދުވުމާ ބެހޭގޮތުން ލެކްޗާ ދިނުން އޮންނާނެ. މަހަކު ދެ ފަހަރު އެ ޕްރޮގްރާމް ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ،" ނަސްރު ބުންޏެވެ.

މި އަހަރު މިހާތަނަށް ދެ މެރެތަންގައި ދުވެފައިވާ ނަސްރުގެ ޓާގެޓަކީ މި އަހަރު އިތުރު އަށް މެރެތަން ދުވުމެވެ. އެއާ އެއާ އެކު އޭނާގެ ޖުމްލަ 32 އަށް އަރާނެ އެވެ.

ނަސްރަކީ ސިފައިންގޭގެ އެހެން ދެ ދުވުންތެރިން ކަމަށްވާ ޝިފާޒާއި މުހައްމަދު ރަޝީދު (މޯޑް) ހިމެނޭ ދުވުންތެރިންގެ ޓީމުގެ އިސް މެމްބަރެކެވެ. އޭގެ ތެރެއިން ޝިފާޒް ވަނީ ޖެނުއަރީ މަހު ބޭއްވި ދުބާއީ މެރެތަންގައި ގައުމީ މެރެތަން ރެކޯޑް އާކޮށްފަ އެވެ. އަދި މޯޑު ވަނީ ޝިފާޒް މިދިޔަ އަހަރު ގައުމީ ރެކޯޑް އެންމެ ފުރަތަމަ ހެދި އިރު ދުވި ޓައިމިން އަށް ވުރެ އަވަހަށް ރޭސް ނިންމައިފަ އެވެ.

އެ ދުވުންތެރިން އެހާ ބޮޑު ކުރިއެރުމެއް ހޯދީ ނަސްރު އިސްކޮށް ހުރެ، ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކާއި އޭގެ ފަހުން ސީދާ ނޭޕާލަށް ގޮސް އެތަނުގައި ހެދި ތަމްރީންތަކުންނެވެ. އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ގުރުބާންކުރުމަށް ފަހު އެ ދުވުންތެރިން ކުރި މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފް އޮހުނެވެ.

ނަސްރު ވަނީ ދުބާއީ މެރެތަންގައި ބޮޑު ކުރިއެރުމަކާ އެކު 3 ގަޑި 15 މިނެޓުން ދުވެފަ އެވެ. އޭނާގެ މިހާރުގެ އަމާޒަކީ ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ރޭހެއް ނިންމުމެވެ. ކޮކާކޯލާގެ އެހީތެރިކަމަކީ އެ މަސައްކަތަށް ލިބުނު ހިތްވަރެކެވެ.

ކޮކާކޯލާ އިން އަންނަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޓީއެފްޖީ ލޯންގް ރަން 2013 ވަނަ އަހަރު ބާއްވަން ފެށީއްސުރެ ސްޕޮންސާކުރަމުންނެވެ. އެ ކުންފުނީގެ އެހީއާ އެކު، ލޯންގް ރަން މިހާރު ވަނީ މުޅި ރާއްޖެ އަށް ފުޅާކޮށް އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ބާއްވައިފަ އެވެ.

ޝިފާޒާއި ނަސްރު އަދި މޯޑު ބުނެފައިވާ ގޮތުގައި ސިފައިންގެ އިސް ވެރިންނާއި ސިފައިން ކްލަބްގެ އިސް ވެރިންނަށް އެ މީހުންގެ ޝުކުރު ހައްގެވެ. އެ ދުވުންތެރިން ގަބޫލުކުރަނީ މިހާރު ލިބޭ ކުރިއެރުންތައް ހޯދުމުގައި އެމްއެންޑީއެފްގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ.