07 މާޗް 2018 - 09:28

ނިއު ރޭޑިއަންޓް އަންނަނީ ބޭނުންވާ ތަތްގަނޑަށް ފެތެމުން ކަމަށާއި ޓީމު އޮތީ އިތުބާރާ ވެސް އެކު ކަމަށާއި އެހެންވެ މި ހާލަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގަން ޖެހޭ ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަރުގަދަ ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބަލިކޮށްފައިވާ ނިއު އިން އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނާނެ އެވެ.
"ޓީމު އަންނަނީ ބޭނުންވާ ތަތްގަނޑަށް ރަނގަޅަށް ފެތެމުން. އަހަރެމެން ކުޅުވަން ބޭނުންވާ ގޭމް މޮޑެލް ކުޅުންތެރިން ގަބޫލުކުރޭ އަދި ކުޅުންތެރިން ތިބީ އިތުބާރާ އެކު. އެހެންވެ މި ހާލަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ގްރޫޕް ސްޓޭޖުގެ ހަ މެޗު ވެސް ނަގާނީ ހަ ފައިނަލުގެ ގޮތުގައި ކަމަށެވެ.
"އެކަމަކު ހަމަބިމުގައި ތިބެގެން ހިތްތިރިކަމާ އެކު. އެޔާ އެކު ވެސް އޭޝިއާގެ ލެވެލްގައި ވަރުގަދަބާރަކަށް ވެވިދާނެ ކަމަށް ފުރިހަމައަށް ގަބޫލުކޮށް އެކަން ވެސް އެނގި ތިބެ،" އޮސްކާ ބުންޏެވެ.
އަބަހާނީ ވަނީ މީގެ ކުރިން ރާއްޖޭގެ ދެ ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު އެ ގައުމުގައި އޮތް ޝެއިހް ކަމާލް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށެވެ. ޓީސީއާ ދެކޮޅަށް ކުޅުނު އެއް މެޗާއި މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އަބަހާނީ ވަނީ ބަލިވެފަ އެވެ.
އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް އަބަހާނީން ގެނެސްފައިވަނީ ނައިޖީރިއާގެ ތިން ކުޅުންތެރިންނާއި ޖަޕާންގެ ކުޅުންތެރިޔެކެވެ. އަބަހާނީ ޓީމުގެ ކޯޗަކީ ބަންގްލަދޭޝްގެ ސައިފުލް ބާރީ ޓީޓޫ އެވެ. އޭނާ ބުނީ ނިއުގައި ހުނަރުވެރި ކުޅުންތެރިން ގިނަ ކަމަށާއި އެހެން ނަމަވެސް އެ ޓީމަށް ވެސް އަމިއްލަ ދަނޑުގައި ކާމިޔާބު ހޯދިދާނެ ކަމަށެވެ.
"ނިއުގައި އެބަހުރި އަޝްފާގު ވެސް. އެއީ އަހަރެމެން ކޮޅަށް އެތަކެއް ފަހަރު ލަނޑު ޖަހާފައި ހުރި ކުޅުންތެރިޔެއް. ދެން އެ ޓީމު މިދިޔަ އަހަރު ރާއްޖޭގެ ތިން މުބާރާތް ކާމިޔާބުކުރި. ވަރަށް ވަރުގަދަކޮށް ފެންނަނީ،" ޓީޓޫ ބުންޏެވެ.
ނިއު އާއި އަބަހާނީ ކުޅޭ މެޗު ފަށާނީ މިއަދު މެންދުރުފަހު 3:15 ގަ އެވެ.