07 މާޗް 2018 - 10:32

ވޮޝިންޓަން (މާޗް 7) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާ އެއާޕޯޓުގައި މަރާލީ ނޯތު ކޮރެއާ ސަރުކާރުން އަންގައިގެން ދިން ކެމިކަލް ހަމަލާއެއްގައި ކަމަށް އެމެރިކާ އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަކާއޫ އަށް ފުރަން ގޮސް ހުއްޓާ ކިމް ޖޮން-ނަމް މަރާލީ ދެ އަންހެނަކު އޭނާގެ މޫނުގައި ފޮތިގަނޑެއް އަޅައިގެންނެވެ. ފަހުން އެނގުނު ގޮތުގައި އެ ފޮތިގަނޑުގައި ވަނީ ވީއެކްސް ނާވް އެޖެންޓެއް އުނގުޅައިފަ އެވެ. އެ ދެ އަންހެނުން ވެސް ބުނެފައި ވަނީ އެއީ އެ މީހުން މަޖަލަކަށް ކުރި ކަމެއް ކަމަށެވެ. އެ މީހުންގެ ޝަރީއަތް މިހާރު މެލޭޝިއާގައި ވަނީ ފަށައިފަ އެވެ.
އެމެރިކާ އިން ބުނީ ކިމް ޖޮން-ނަމް މަރާލީ ނޯތު ކޮރެއާ އިން އަންގައިގެން ކަމަށްވާތީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"ކެމިކަލް ހަތިޔާރު ބޭނުން ކުރުމުގެ އާއްމު އުސޫލާ ޚިލާފަށް ނޯތު ކޮރެއާ އިން މިކުރި އަމަލުން ދައްކުވައި ދެނީ އެ ގައުމުގެ ނުރައްކާތެރި ހަތިޔާރު ޕްރޮގްރާމާ މެދު އަޅާނުލައި ނުތިބެވޭނެކަން،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
އެމެރިކާ އިން ކުރިން ވެސް ބުނަމުން ދިޔައީ ކިމް ޖޮން-ނަމްގެ މަރުގެ ފަހަތުގައި ވާނީ ނޯތު ކޮރެއާ ކަމަށެވެ. އެކަމަކު ނޯތު ކޮރެއާ އިން ދަނީ ތަކްރާރުކޮށް އެކަން ދޮގު ކުރަމުންނެވެ.
ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅުނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.