އަހަރެންގެ އެންމެ ބޮޑު ރޯލް މޮޑެލަކީ ބައްޕަ: ދީޕިކާ
އަހަރެންގެ އެންމެ ބޮޑު ރޯލް މޮޑެލަކީ ބައްޕަ: ދީޕިކާ

ރޯލް މޮޑެލްއެއްގެ ގޮތުގައި އަބަދުވެސް ބަލާ މީހަކީ ބައްޕަ ކަމަށާއި އެއީ ހުރިހާ ކަމެއްގައި ވެސް ނަމޫނާ ދައްކާ މީހެއް ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.

އަހަރެންގެ އެންމެ ބޮޑު ރޯލް މޮޑެލަކީ ބައްޕަ: ދީޕިކާ
އަހަރެންގެ އެންމެ ބޮޑު ރޯލް މޮޑެލަކީ ބައްޕަ: ދީޕިކާ

ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމް "ޕަދްމާވަތު" ގެ ބަތަލާގެ ބައްޕަ ޕްރަކާޝް ޕަދްކޯނަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިއެކެވެ.

ދީޕިކާ ބުނީ އޭނާ އާންމުކޮށް މުމްބާއީގައި ދިރިއުޅުނަސް، ހައިދަރްއާބާދުގައި ދިރިއުޅޭ އާއިލާއާ ވަރަށް ބޮޑު ގާތް ކަމެއް އޮންނަ ކަމަށެވެ. އަދި އަބަދުވެސް ކަންކަމާ ހިޔާލު ބަދަލުކުރާ ކަމަށް ބުންޏެވެ.

"އަހަރެންގެ މަސައްކަތްތައް މެނޭޖް ކުރުމުގައި ވެސް ބައްޕަގެ ހިއްސާ އަބަދު ވެސް ވަރަށް ބޮޑު. އަދި އަހަންނާ އެކު މަސައްކަތްކުރާ ޓީމާއި ބައްޕައާ ދޭތެރޭ ވެސް އަބަދު މުއާމަލާތް ކުރެވޭ. އެ މީހުން ބުނަން ވެސް ބުނާނެ ހާދަ ކިއުޓް މީހެކޭ ބައްޕައަކީ،" އެކްޓަރު ރަންވީރު ސިންގްއާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނާ ބަތަލާ ބުންޏެވެ. "ބައްޕައަކީ ވަރަށް މަޑުމައިތިރި، ހިތްހެޔޮ މީހެއް."

ދީޕިކާ ބުނި ގޮތުގައި އޭނާ އާއި ކޮއްކޮ އަނީޝާ އަށް ބައްޕަ އަށް ވުރެ ވަކިން ބޮޑު ރޯލް މޮޑެލެއް ދުވަހަކު ވެސް ނުލިބޭނެ އެވެ.

"އަހަރެމެން ދެ މީހުން ވަރަށް އުފާވޭ އެކަހަލަ ބައްޕައެއް ލިބުނީތީ. އަދި އަހަރެމެންގެ ކަންކަން އަބަދު ވެސް އެހާ ގާތުން ބަލައި ކުރިއަށް ދާން ހިތްވަރު ދޭތީ އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" މިދިޔަ އަހަރު ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮޒް ޒެންޑަ ކޭޖް" އިން ވެސް ފެނުނު ބަތަލާ ބުންޏެވެ.

ދީޕިކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަދި ވަކި ނަމެއް ދީފައި ނުވާ މާފިއާ ކްއީން ރަހީމާ ހާން (ސަޕްދާ ދީދީ) ގެ މައްޗަށް ބިނާކޮށް ހަދާ ވިޝާލް ބަރަދްވާޖްގެ ފިލްމެވެ. ނަމަވެސް ދީޕިކާ ބުރަކަށީގައި ރިއްސާތީ ދުވަސްކޮޅަކަށް އަރާމުކޮށްލަން ޖެހިގެންނާއި އިރްފާން ހާން ވެސް ބައްޔަކަށް ފަރުވާ ހޯދާތީ ފިލްމްގެ ޝޫޓިން ފެށުން ވަނީ ލަސްކޮށްފަ އެވެ.