ނޯތު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމުގެ ދައުވަތު ޓްރަމްޕް ގަބޫލް ކުރައްވައިފި
ނޯތު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމުގެ ދައުވަތު ޓްރަމްޕް ގަބޫލް ކުރައްވައިފި

ވޮޝިންޓަން (މާޗް 9) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރުމުގެ ދައުވަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރަައްވައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ހަތުރުވެރިންގެ ގޮތުގައި ބެލެވޭ ޓްރަމްޕާއި ކިމްގެ ބައްދަލުވުމަކަށް މަގު ފަހިވެފައި މިވަނީ ދެ ލީޑަރުންގެ މެދުގައި ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭގެ ފަހުން ވަނީ ދެ ގައުމުގެ މަޝްރަހު ފިނިކުރަން ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފަ އެވެ.

ޓްރަމްޕާއި ކިމްގެ ބައްދަލުވުން ވެގެން ދާނީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކާއި ނޯތު ކޮރެއާގެ ލީޑަރާ ދެމެދު ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ.

ކިމްއާ ބައްދަލު ކުރެއްވުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވިކަން ފުރަތަމަ އިއުލާން ކުރެއްވީ މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ސައުތު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޗުން އެއި-ޔަންގެވެ. ޓްރަމްޕް ފަހުން ވަނީ ޓްވިޓާ މެދުވެރިކޮށް އެކަން ޔަގީން ކޮށްދެއްވައިފަ އެވެ.

ސައުތު ކޮރެއާގެ ވަފުދު އެމެރިކާ އަށް ދިޔައީ ނޯތު ކޮރެއާގެ މެސެޖަކާ އެކު އެވެ. އޭގެ ކުރިން ސައުތު ކޮރެއާގެ ވަފުދެއް ވަނީ ނޯތު ކޮރެއާ އަށް ދަތުރުކޮށް އެ ގައުމުގެ ލީޑަރު ކިމްއާ ބައްދަލުކޮށްފަ އެވެ.

"ދެ ކޮރެއާގެ މަޝްވަރާތަކުގެ ތަފްސީލް ދިނުމުން ޓްރަމްޕް ވަރަށް އުފާކުރެއްވި. އަދި ނޯތު ކޮރެއާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް އަންނަ މެއި މަހު ކިމްއާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޯތު ކޮރެއާގެ ލީޑަރު ވެސް ހުންނެވީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލައްވާ ގޮތަށް ކަމަށާ އަދި މަޝްވަރާތަކުގެ ދުވަސްވަރު އެއްވެސް ނިއުކްލިއާ ޓެސްޓެއް ނުކުރާނެ ކަމުގެ ޔަގީންކަން ކިމް ދެއްވާފައިވާ ކަމަށެވެ.

ނޯތު ކޮރެއާގެ ލީޑަރު މިހާރު ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެޕްރީލް މަހު ބައްދަލު ކުރެއްވުމަށް ވެސް އެއްބަސްވެވަޑައިގެންފަ އެވެ. ދެ ކޮރެއާގެ ގުޅުން ރަނގަޅުވެފައި މިވަނީ މިދިޔަ މަހު ބޭއްވި ވިންޓަ އޮލިމްކްސް އަށް ފަހު އެވެ.

ކިމްއާ ބައްދަލު ކުރުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި އެއްބަސްވުމަކާ ހަމައަށް އާދެވެންދެން، ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.