10 މާޗް 2018 - 16:02

ނޯތު ކޮރެއާއާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ބޯޓު ފަހަރާއި އެކި ފަރާތްތަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، އެމެރިކާއިން އދ.އަށް ހުށަހަޅާފައިވާތީ އެކަން މަޑުޖައްސާލުމަށް ޗައިނާއިން މިއަދު އެދެފި އެވެ.
ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޗައިނާއިން ބުނިގޮތުގައި އެމެރިކާ އިން އދ.އަށް ހުށަހަޅާފައިވާ އެ ނިންމުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ފަރާތްތައް ބަލަން އެ ގައުމުން ބޭނުންވެ އެވެ. އެހެންވެ، އެކަމަށް ވަގުތު ދިނުމަށް، އެމެރިކާގެ ހުށަހެޅުން މަޑުޖައްސާލުމަށް އދ.ގައި އެ ގައުމުން ވަނީ އެދިފަ އެވެ.
ޗައިނާއިން މިގޮތަށް އެދިފައިވާއިރު، އުތުރުކޮރެއާގެ ބޯޓަކާއެކު ރާއްޖޭގެ ދިދަ ޖެހި ބޯޓަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ހިންގިކަން ވަނީ ފަޅާއަރާފަ އެވެ. އެކަމަކު ސަރުކާރުން ވަނީ އެކަން ދޮގުކޮށް، އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ބޯޓެއް ކަމަށް ބުނެފަ އެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތު ކުރެވޭ ދިވެއްސަކު މިދިޔަ ހޯމަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
ޗައިނާގެ ސަރުކާރާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން، މި ބޯޓު ފަހަރަށް ބައިނަލްއަގްވާމީ ބަނދަރުތަކެއް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި ބްލެކްލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ދަށުން ގިނަ ބޯޓު ފަހަރާއި އުޅަނދުތައް ދަތުރު ކުރާތީ އެކަން ތަހުގީގު ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ޗައިނާއިން ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެ އެވެ.
"މި ނިންމުން މަޑުޖައްސާލަން އެދުނީ ޓެކްނިކަލް ސަބަބުތަކަކާ ހެދި. އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިކަމާ މެދު ގޮތެއް ނިންމާނަން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން، ގެންގް ޝުއާންގް ވިދާޅުވެފައި ވެ އެވެ.
އުތުރުކޮރެއާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެމެރިކާއިން އެދިފައިވަނީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ނޯތުކޮރެއާއާ ވަރަށް ކުރިއްސުރެ ގާތްގުޅުމެއް ބާއްވަމުން އައި އަދި އެ ގައުމުގެ ވިޔަފާރީގައި ވެސް ބޮޑު ބައެއް ހިއްސާ ކުރާ ޗައިނާއިން ވަނީ، ނޯތުކޮރެއާއާ މެދު އދ. އިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅަށް ތާއީދުކޮށްފަ އެވެ. އެ ގައުމުގައި ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާ މެދު ޗައިނާއިން ވެސް ހިތްހަމައެއް ނުޖެހެ އެވެ.