ޗައިނާގެ ފިހާރަޔަކުން ވަގަށް ނެގި ރަން ވެސް ފޭކް
ޗައިނާގެ ފިހާރަޔަކުން ވަގަށް ނެގި ރަން ވެސް ފޭކް

ފޭކް އެއްޗެހި އުފެއްދުމުގައި ނަން ވެފައި އޮންނަ ޗައިނާގައި، ވަގަކު ބަޔަކު ބުރަ މަސައްކަތުން ފިހާރަޔަކުން ވަގަށް ނެގި ރަންތަކެއް ވެސް ފޭކް އެއްޗެއްކަން އެނގިއްޖެ އެވެ. އެކަމަކު މި ލަނޑު ލިބުނީ ފިހާރައިން ރަނުގެ ގޮތުގައި ފޭކް އެއްޗެހި ވިއްކާތީއެއް ނޫނެވެ.

ގަނޑު ރަނުގެ އެތައް ބައިވަރު އެއްޗެހިތަކެއް ވަގަށް ނެގި އިރު އެއީ ފިހާރާގައި ރީއްޗަކަށް، ޑިސްޕްލޭކޮށްފައި ހުރި އެއްޗިއްސެވެ. އަދި އެއީ ރަން ވިއްކާ ފިހާރައެއް ވެސް ނޫނެވެ.

ޕީޕަލްސް ޑެއިލީން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ވަގު ކަލޭގެ ފިހާރަޔަށް ވަނުމަށް ފަހު ރަންތައް ނަގަން ޝޯކޭހުގެ ބިއްލޫރިތައް ތަޅާލަނީ ވެސް ވަރަށް ބުރަ މަސައްކަތުންނެވެ. މި މީހާ ފިހާރަޔަށް ވަން ކަމަށް ވަނީ ސީލިންގުގައި އިން ބާގަނޑަކުންނެވެ.

މި މިހާ އެ ފިހާރައިން ހަތް ގަނޑު "ރަން" ނެގި އެވެ. އެކަމަކު އެއީ ފޭކުކަން އެނގުމުން ވަގު ކަލޭގެއަށް ލިބުނީ ޝޮކެއް ކަމަށް، ޕީޕަލްސް ޑެއިލީން ބުންޏެވެ. އަދި ވައްކަން ކުރެވުނީ މެނޭޖްމަންޓް ސާވިސް ދޭ ތަނަކުން ކަމާއި އެއީ ރަނުގެ ވިޔަފާރި އެއްގޮތަކަށް ވެސް ކުރާ ބައެއް ނޫންކަން ވެސް ފަހުން އެނގުނެވެ.

"ވިދާ ކޮންމެ އެއްޗަކީ ރަނެއް ނޫން" ކަން އެނގުނު ފުރަތަމަ ވަގަކީ މިއީ ކަމަށް ވެދާނެ އެވެ.