ނޭމާ މަޑުކުރާނެ ކަމުގެ ޔަގީންކަން ނުދެވޭނެ: ޕީއެސްޖީ
ނޭމާ މަޑުކުރާނެ ކަމުގެ ޔަގީންކަން ނުދެވޭނެ: ޕީއެސްޖީ

މެޑްރިޑް (މާޗް 12) - އަންނަ ސީޒަނުގައި ޕީއެސްޖީން ނޭމާ ފެންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ޕީއެސްޖީގެ ޗީފް އެގްޒެކްޓިވް އެންޓެރޯ ހެންރީކޭ ވިދާޅުވެއްޖެ އެވެ.

ޖެހިޖެހިގެން ދެ އަހަރު ބޮޑު އިންވެސްޓްމަންޓްތަކެއް ކޮށްގެން ވެސް ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބުނެވެ. އަންނަ ސީޒަނުގައި ޕީއެސްޖީން ގިނަ ބަދަލުތަކެއް ފެންނާނެ ކަމަށާއި ނޭމާ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ހެންރީކޭ ވަނީ ވިދާޅުވެފަ އެވެ.

"އަހަންނަށް ޔަގީންކަމެއް ނުދެވޭނެ،" ނޭމާ އަންނަ ސީޒަނުގައި ޕީއެސްޖީން ފެންނާނެތޯ ފްރާންސްގެ މީޑިއާ އެއް ކަަމަށްވާ "ލަ ޕެރީސިއަން" އިން ކުރި ސުވާލަށް ހެންރީކޭ ވިދާޅުވި އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާގެ ބައްޕަ ވަނީ ފާއިތުވި ހަފްތާގައި ޕެރިހުގައި ދެ ވަކީލުންނާ އެކު ރެއާލް މެޑްރިޑްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އަދި ރެއާލުގެ އޮފިޝަލުން ވަނީ ނޭމާ އަށް އެ ކްލަބުން 400 މިލިއަން ޔޫރޯ ހުށަހަޅަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. ނޭމާގެ ބައްޕަ ބޭނުންވަނީ ރެެއާލާއި ޕީއެސްޖީ މަޝްވަރާކޮށްގެން މި ކަމަށް ހައްލެއް ހޯދުމަށެވެ.

ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، އެ ކްލަބުގައި އޭނާގެ ކުރިމަގާ މެދު ސުވާލުތަކެއް އޮތީ އުފެދިފަ އެވެ. ޒުވާން އުމުރެއްގައި ފްރާންސް ލީގަށް އޭނާ ބަދަލުވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

ފްރާންސް ލީގުގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް މިދިޔަ މަހު ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ވަނީ ރެނދު ލައިފަ އެވެ. ނޭމާ ވަނީ މި އަނިޔާއިން ރަނގަޅުވުމަށް ބްރެޒިލުގެ ގައުމީ ޓީމުގެ ބެލުމުގެ ދަށުން ސާޖަރީ ހަދައިފަ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުން ނޭމާ ވަނީ ބާސެލޯނާ އަށް އެނބުރި ދިއުމަށް އެ ކްލަބްގެ ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް ބާސެލޯނާގެ ބޯޑް މެމްބަރުން އެ ގޮތް ބޭނުމެއްނުވެ އެވެ.