13 މާޗް 2018 - 06:39

ޖަމަލު ކިރު ބޭނުންކޮށްގެން އުފެއްދި، ކުޑަކުދިންނަށް ދޭ ކާނާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ވިއްކަން ފަށައިފި އެވެ.
މި އުފެއްދި، އެމިރޭޓްސް އިންޑަސްޓްރީ ފޯ ކެމަލް އެންޑް ޕްރޮޑަކްޓްސް އިން ބުނީ މިއީ ޖަމަލު ކިރުން މިފަދަ ކާނާއެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ. "ކެމަލިޝަސް" ގެ ނަން ދީފައިވާ މި ކިރަކީ އުމުރުން 1-3 އަހަރުގެ ކުދިންނަށް އެކަށީގެންވާ އެއްޗެއް ކަމަށާއި މިއީ ގެރީގެ ކިރަށް އެލާޖިކްވާ ކުދިންނަށް ވަރަށް ރަނގަޅު އެއްޗަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަމަލު ކިރަކީ ގަލްފުގެ ގައުމުތަކުގެ ބައެއް މީހުން މިހާރުވެސް އާންމު ކެއިންބުއިމުގެ ތެރޭގައި ހިމަނާ، ވިޓަމިނުން މުއްސަނދި ބުއިމެކެވެ.
މީގެ ދެތިން އަހަރެއް ކުރިން ފެށިގެން ގަލްފުގެ ގައުމުތަކުގައި އަންނަނީ ޖަމަލު ކިރާއި ޖަމަލު މަހުގެ އުފެއްދުންތައް މަގުބޫލުވަމުންނެވެ. އެގޮތުން، ޖަމަލު ކިރު ބޭނުންކޮށްފައިވާ ޗޮކްލެޓް އަދި ޖަމަލު މަހުގެ ބާގާ ވެސް ވަނީ މަގުބޫލުކަން ހޯދައިފަ އެވެ.
"ޖަމަލު ކިރަކީ އަރަބި އަދި އިސްލާމީ ސަގާފަތް އަދި ޖުމުލަކޮށް ޔޫއޭއީގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭ އެއްޗެއް،" ކެމަލިޝަސްގެ ޖެނެރަލް މެނޭޖަރު ސައީދު ޖުމާ ބިން ސުބައިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ޔޫއޭއީގެ އެކި ޖީލުތަކުން ވާރުތަމުން އައިސް މި ޖީލަށް ލިބުނު އުފެއްދުމެއް ކަމަށެވެ.