އޭޑީކޭގައި ބަލިމީހުންގެ ރަައްކާތެރިކަމާ ބެހޭ ހަފުތާއެއް ފާހަގަކުރަނީ
އޭޑީކޭގައި ބަލިމީހުންގެ ރަައްކާތެރިކަމާ ބެހޭ ހަފުތާއެއް ފާހަގަކުރަނީ

ބަލިމީހުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ހަފުތާއެއް އޭޑީކޭގައި ފަށައިފި އެވެ.

"ޕޭޝަންޓް ސޭފްޓީ އެވެއާނަސް ވީކް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަފުތާގައި އެ ހޮސްޕިޓަލްގައި ބަލިމީހުންގެ ރައްކާތެރިކަމަށް އެޅިފައި ހުންނަ ފިޔަވަޅުތަކާއި ބަލިމީހުން ސަމާލުކަން ދޭން ޖެހޭނެ ހައްގުތަކުގެ މައުލޫމާތު ދެ އެވެ.

"ދެ އަހަރު ވެއްޖެ އަޅުގަނޑުމެން މިކަން ކުރާތާ. އެކަމަކު މިހާރު އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ ޕްރޮގްރާމަކަށް މިކަން ހަދަން،" އޭޑީކޭގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

އޭޑީކޭ އިން ގެންދަނީ ބަލިމީހުންގެ ރައްކާތެރިކަމަށް އެ ހޮސްޕިޓަލުން އަޅަމުން އަންނަ ފިޔަވަޅުތައް، ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ވެސް އާންމުންނަށް ދައްކަމުންނެވެ. އަދި ހޮސްޕިޓަލް ތެރޭގައި ވެސް ވަނީ އެ މައުލޫމާތު އެނގޭނެ ޗާޓެއް ބަހައްޓައިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އޭޑީކޭގައި ބަލިމީހުންގެ ރައްކާތެރިކަމަށް އަޅާފައި ހުރި އަދި އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު މި ހާއްސަ ހަފުތާގައި ދޭނެ އެވެ.

އޭޑީކޭގެ ހެޑް އޮފް ނާސް އެންޑް ޕޭޝަންޓް އެޑިއުކޭޝަން، ލަތީފާ ނިޔާޒާ ވިދާޅުވީ މައުލޫމާތު ފޯރުކޮށްދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިންފޮމޭޝަން ކައުންޓަރު ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ތިބޭ މުވައްޒަފުން މެދުވެރިކޮށް ކަމަށެވެ.

"އިންފޮމޭޝަން ކައުންޓަރު ކައިރި ހުންނާނެ ބޯޑެއް ހަރުކޮށްފައި އަޅުގަނޑުމެންގެ މި ޕްރޮގްރާމް ކުރިއަށް ދާކަން އެނގޭނެ. އެތަނަށް ދިޔައިމަ އެތާ ތިބޭ ކުދިން އެ މައުލޫމާތުތައް ދެއްވާނެ،" ނިޔާޒާ ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ބަލިމީހުންނަށް އެނގެން ޖެހޭ ގިނަ މައުލޫމާތުތަކެއް ހުންނަ ކަމަށެވެ. އަދި ހޮސްޕިޓަލްގައި ހިނގާފާނެ ނުވަތަ ހިނގުމުގެ ފުރުސަތު ބޮޑު ކަންކަން ދެނެގަތުމާއި އަމިއްލައަށް ހޭލުންތެރިވުމަކީ ބަލިމީހުންގެ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބޭހެއް ދިނީމާ އެ ބޭހަކީ ޑޮކްޓަރު އަސްލު ދީފައި އޮތް ބޭސްތޯ ބެލުން، ގަޑިން ގަޑިއަށް ބޭސް ކެއުން، ނުވަތަ ބޭސް ދޭތޯ ކަށަވަރުކުރުން، މި ހުންނަނީ ބަލިމީހުން އަމިއްލަ އަށް ވެސް އެނގެން ޖެހޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

"ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ބަލިމީހުންނަށް ކުރެވިދާނެ ކިތައްމެ ކަމެއް އެބަ ހުރި. އަޅުގަނޑުމެން ބޭނުންވަނީ އެކަމާ މެދު ވެސް ހޭލުންތެރިކުރުވަން."

އޭޑީކޭއިން އާންމުކުރަމުން އަންނަ މައުލޫމާތުތަކުގެ ތެރޭގައި ސާފުތާހިރުކަން ކަށަވަރުކުރަން 2016 ގައި ފެށި މަސައްކަތުން މިހާތަނަށް ނެރެވުނު ނަތީޖާ ފަދަ ކަންކަން ވެސް ހިމެނެ އެވެ. އެގޮތުން އަތް ދޮވުމުގެ އާދަ 2016 ގައި 43 ޕަސެންޓްގައި އޮތް އިރު މި އަހަރުގެ ފެބްރުއަރީ މަހު އެ މިންވަރު ވަނީ 83 ޕަސެންޓަށް މަތިކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 90 ޕަސެންޓްގައި އެކަން ބެހެއްޓުން. މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ދާއިރު އެކަން ހާސިލްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

"މި ހުންނަނީ ބަލިމީހުންނާއި ފަރުވާ ދޭ މީހުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅު. މި ކަހަލަ ކިތައްމެ މައުލޫމާތެއް މި އެވެއާނެސް ވީކްގައި ލިބޭނެ."