"ވޯ ކޯން ތީ" ގެ ރިމެކިންއެއް ވެސް ގެނެސް ދޭން ނިންމައިފި
"ވޯ ކޯން ތީ" ގެ ރިމެކިންއެއް ވެސް ގެނެސް ދޭން ނިންމައިފި

ކުރީގެ މަޝްހޫރު ބަތަލާ އަދި ސަންޖޭ ދަތުގެ މަންމަ ނަރުގިސްގެ ކެރިއަރުގެ އެންމެ ފާހަގަލޮށްލެވޭ އެއް ފިލްމް ކަމަށްވާ "ރާތު އޯރް ދިން" ގެ ރިމެކިން ރައިޓްސް ހޯދުމަށް ފަހު، ކްރިއާޖް އެންޓަޓައިމަންޓުން އަނެއްކާވެސް ކުރީގެ އެހާމެ ކާމިޔާބު ފިލްމެއްގެ ރައިޓްސް ހޯދައި، އޭގެ ރިމެކިިން ގެނެސް ދޭން ނިންމައިފި އެވެ.

"ވޯ ކޯން ތީ" ގެ ރިމެކިންއެއް ވެސް ގެނެސް ދޭން ނިންމައިފި
"ވޯ ކޯން ތީ" ގެ ރިމެކިންއެއް ވެސް ގެނެސް ދޭން ނިންމައިފި

މި ފަހަރު އެ ސްޓޫޑިއޯ އިން ރައިޓްސް ހޯދީ އިންޑިއާގެ ސިނަމާއިން މިހާތަނަށް ފެނުނު އެންމެ މޮޅު ސައިކޮލޮޖިކަލް ތުރިލާ "ވޯ ކޯން ތީ" އެވެ. އެ ފިލްމަކީ މަނޯޖް ކުމާރާއި ސާދްނާ ހިމަނައިގެން ރާޖް ކޯސްލާ 1964 ގައި ގެނެސް ދިން ފިލްމެކެވެ.

މި ފިލްމްގެ ސިއްރުން ފުރިގެންވާ ސަންސްޕެންސާ އެކު، ފިލްމުން އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ފިލްމަށް މަދަން މޯހަން ހަދާފައިވާ އަސަރު ގަދަ ހިތްގައިމު ލަވަތަކެވެ. އޭގެ ތެރެއިން ވެސް ލަތާ މަންގޭޝްކަރްގެ ރަން އަޑުން ކިޔާފައިވާ "ލަގް ޖާ ގަލޭ" އާއި "ނައިނާ ބަރްސޭ ރިމްޖިން" އަކީ ފަނޑުވުމެއް ނެތް ދެ ލަވަ އެވެ.

"ވޯ ކޯން ތީ" އާ ބެހޭ ގޮތުން ކްރިއާޖްގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ ބުނީ އެ ފިލްމްގެ ރައިޓްސް ހޯދި އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ ސިނަމާގެ ރަންޒަމާނުގެ މޮޅު ފިލްމެއް އަލުން ގެނެސް ދިނުމުގެ އުފާ ލިބިގަތުން ކަމަށެވެ. އަދި މިއީ ފިލްމްގެ ލީޑް ދެ ތަރިން ކަމަށްވާ މަނޯޖާއި ސާދްނާ އަށް ދޭ ޓްރިބިއުޓެއް ކަމަށް ވެސް ބުންޏެވެ.

ފާހަގަލޮށްލަން ޖެހޭ ކަމަކީ މަނޯޖް، 80، އަދިވެސް ދުނިޔޭގައި ހުރި ނަމަވެސް ބަތަލާ ސާދްނާ 2015 ގައި އުމުރުން 74 އަހަރުގައި މަރުވެފައިވާ ކަމެވެ.

ކްރިއާޖުން "ވޯ ކޯން ތީ" ރިމެކިންއެއް ގެނެސް ދޭން ނިންމި ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމް ލީޑް ރޯލުން ފެނިގެން ދާނެ ތަރިންނާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ. އަދި ފިލްމް ސިނަމާތަކަށް ގެންނާނެ ދުވަހެއް ވެސް އިއުލާނެއް ނުކުރެ އެވެ.

އެކަމަކު ޕްރޭނާ ވަނީ ރިމެކިންގައި ވެސް "ލަގް ޖާ ގަލޭ" އާއި "ނައިނާ ބަރްސޭ ރިމްޖިން" ހިމެނޭނެކަން ކަށަވަރުކޮށް ދީފަ އެވެ.

"މި ފިލްމް ފުރިހަމައެއް ނުވާނެ ވަކިން ހާއްސަކޮށް އެ ދެ ލަވައާ ނުލައި. އެހެންވެ އަހަރެމެން ވެސް ފިލްމް ގެނެސްދޭ އިރު، އެ ދެ ލަވަ އިންނާނެ،" އޭނާ ބުންޏެވެ.

"ޓޮއިލެޓް" އާއި "ޕެޑްމޭން" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދީފައިވާ ކްރިއާޖުން "ރާތު އޯރް ދިން" ގެ ރިމެކިންއެއް ހަދާ އިރު، ފިލްމްގެ ބަތަލާގެ ރޯލުން ފެންނާނީ އައިޝްވާރިޔާ ރާއީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންނަ ޖުލައި 13 ގައި ރިލީޒް ކުރާ އެ ސްޓޫޑިއޯގެ "ފޭން ހާން" ގެ ބަތަލާއަކީ ވެސް އައިޝްވާރިޔާ އެވެ. އޭނާއާ އެކު އަނިލް ކަޕޫރާއި ރާޖްކުމާރް ރާއޯ ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

ކްރިއާޖްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 2 ގައި ރިލީޒް ކުރި އަނުޝްކާ ޝަރްމާގެ ބިރުވެރި ފިލްމް "ޕަރީ" އެވެ.