14 މާޗް 2018 - 09:43

އެތެންސް، ގްރީސް (މާޗް 14) - ހަމަނުޖެހުންތަކެއްގެ ސަބަބުން މެދުކަނޑާލާފައިވާ ގްރީސް ސުޕަ ލީގުގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމުން ފީފާގެ ވަފުދެއް އިއްޔެ ގްރީކަށް ގޮސްފި އެވެ.
ގްރީސް ސަރުކާރުން އެ ގައުމުގެ ލީގު ސަސްޕެންޑްކުރަން ނިންމީ އާދިއްތަ ދުވަހު އޭއީކޭ އެތަންސް އާއި ޕީއޭއޯކޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕީއޭއޯކޭގެ ވެރިޔާ ރަޝިއާގެ މަހުޖަނު އިވާން ސަވީޑީސް ދަނޑުމައްޗަށް ފިސްތޯލައެއް ހިފައިގެން އެރުމުންނެވެ.
އޭނާ ފިސްތޯލެއް ހިފައިގެން ދަނޑު މައްޗަށް އެރީ ޕީއޭއޯކޭ ޖެހި ގޯލެއް މެޗުގެ ރެފްރީ އޮފްސައިޑް ކަމަށް ނިންމުމުންނެވެ. މި ދެ ޓީމަކީ މި ފަހަރު ގްރީސްގެ ލީގަށް ވާދަކުރަމުން އަންނަ ދެ ޓީމެވެ. މި މެޗުގައި ޕީއޭއޯކޭ ޖެހި ގޯލު ލައިގެން އެ ޓީމު މޮޅުވިނަމަ ލީގުގެ އެއް ވަނައިގައި އޮތް އޭއީކޭއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ. އެހެން ނަމަވެސް ސަވީޑީސް ދަނޑަށް އެރި ހިސާބުން މެޗު ހުއްޓާލަން ޖެހުމުން އޭގެ ފަހުން މެޗު ކުރިއަށްގެންދެވޭ ގޮތެއްނުވި އެވެ.
ފީފާގެ ޑިރެކްޓާ ފޯ ޔޫރަޕް ބްޔޯން ވަސާލޯ ވިދާޅުވީ ގްރީސްގައި ދިމާވެގެން އުޅޭ ކަންތައްތަކަށްވީ އެންމެ އަވަހަށް ހައްލެއް ހޯދުން މުހިއްމު ކަމަށެވެ.
"ފީފާއިން އެއްވެސް ވަަރަކަށް ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދޭނެ. ގްރީސްގައި ދިމާވެގެން އުޅޭ ކަންތައްތަކަށް ހައްލެއް ހޯދުން އަވަސްކުރަން ޖެހޭ. އެއީ ވަރަށް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބި އޮތުމަކީ ރަނގަޅު ގޮތެއް ނޫން. މިއީ ވޯލްޑް ކަޕް އަހަރެއް،" ބްޔޯން ވިދާޅުވި އެވެ.
ޔޫރަޕްގެ ކްލަބް އެސޯސިއޭޝަނުން ވަނީ އެ ޖަމިއްޔާގެ ދަފްތަރުން ޕީއޭއޯކޭ ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. މި ކަމާ ގުޅިގެން ސަވީޑީސް ވަނީ އޭނާ އަށް ކުރެވުނު ކުށަށް މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ.
ފީފާގެ ވަފުދު ގްރީސް އަށް ގޮސްފައިވާއިރު، މި ދަތުރުގައި ސަވީޑީސްގެ މައްސަލައިގެ އިތުރުން ފާއިތު އަހަރުގައި ހިނގާފައިވާ އެކި ހަމަނުޖެހުންތަކުގެ މައުލޫމާތު ހޯދައި އެކަން ދިރާސާ ކުރަން ވަނީ ނިންމައިފަ އެވެ.