18 ޖުލައި 2016 - 10:46

ފީފާގެ ގޯލް ޕްރޮޖެކްޓުގެ ދަށުން މާލޭގައި އަޅަން ކުރިން ނިންމާފައިވާ ޓާފް ދަނޑު، ވިލިމާލޭގައި އަޅަން ނިންމައި އަދި ދެ ވަނަ ޑިވިޝަން މުބާރާތާއި އިންޓަ ސްކޫލް މުބާރާތްތައް ބޭއްވޭ ގޮތަށް އެ ދަނޑު ތަރައްގީ ކުރަން އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި، އެ ދަނޑު މާލޭގައި އަޅަން ނިންމައި ކުޅިވަރާ ބެހޭ މިނިސްޓްރީން ބިން ވެސް ހަމަޖައްސައިދިނެވެ. އެކަމަކު ފަހުން، މިނިސްޓްރީން ވަނީ އެފްއޭއެމުން މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ ބިން އަތުލައިފަ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މާލޭގެ ފަސް ވަނަ އަވަށް ކަމަށްވާ ވިލިމާލޭގައި ދަނޑު އަޅަން މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށާއި އަދި ދަނޑުގެ ހުޅަނގު ފަރާތުގައި އޮތް ބިން ވެސް އެފްއޭއެމަށް 50 އަހަރަށް ދޭން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަނޑު ތަރައްގީކުރާނީ ދެ ވަނަ ޑިވިޝަން މުބާރާތާއި އިންޓަ ސްކޫލް މުބާރާތް ވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ސިޑިބަރިއަކާ ވެސް އެކުގައި. މީގެ އިތުރުން އެތަނުގެ ހުޅަނގަށް އޮތް ބިމުގައި އަޅުގަނޑުމެން އިމާރާތެއް ހަދައި އެތަނުން ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތެއް ހަމަޖައްސައިދޭނަން،" ތޯރިގް ވިދާޅުވި އެވެ.
ވިލިމާލޭގައި އޮންނަ ދަނޑު އެ އަވަށުގެ ޒުވާނުން ގަވާއިދުން ބޭނުންކުރަމުން އަންނައިރު އެ އަވަަށަށް ނިސްބަތްވާ މަޝްހޫރު ވިޔަންސާ އިން އުފެދުނު ގިނަ ކުޅުންތެރިންނަކީ އެންމެ ކުރީއްސުރެ އެތަނުގައި ކުޅެމުން އައި ކުޅުންތެރިންނެވެ.
ފީފާގެ އެހީގެ ދަށުން މާލޭގައި ޓާފް ދެ ދަނޑު އަދި ސ. ހިތަދޫގައި ވަނީ ޓާފް ދަނޑެއް އަޅައިފަ އެވެ. މީގެ އިތުރުން އެފްއޭއެމް ހައުސް އިމާރާތްކޮށްފައިވަނީ ވެސް ފީފާގެ އެހީގެ ދަށުންނެވެ. ފީފާ އިން އިތުރު އެހީތެރިކަމެއް ދޭނީ، އެއިރަކު ދީފައިވާ ޕްރޮޖެކްޓް ނިންމުމުންނެވެ. އެހެންވެ ވިލިމާލޭގައި ޓާފް ދަނޑު އެޅުމާ އެކު އިތުރު އެހީތަކެއް ލިބޭނެ އެވެ.