މަގާމު ދަމަހައްޓަން އުޅުނު ނޭޕާލުގެ އުއްތަމަ ފަނޑިޔާރު ވަކިކޮށްފި
މަގާމު ދަމަހައްޓަން އުޅުނު ނޭޕާލުގެ އުއްތަމަ ފަނޑިޔާރު ވަކިކޮށްފި

ކަތުމަންޑޫ (މާޗް 15) - މަގާމުގައި ހުންނަން ޖެހޭ އުމުރު ފަހަނަޅައި ދިއުމުން ވެސް އިސްތިއުފާ ނުދީ މަގާމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރެއްވި ނޭޕާލުގެ އުއްތަމަ ފަނޑިޔާރު ގޯޕާލް ޕަރަޖުލި މަގާމުން ދުރުކޮށްފި އެވެ.

އެ ގައުމުގެ ބާރުގަދަ ޖުޑީޝަލް ކައުންސިލުން ބުނީ އުއްތަމަ ފަނޑިޔާރު ޕަރަޖުލީގެ އައިޑީ ކާޑުގައިވާ އުފަން ދުވަހުގެ ތާރީޚާއި އޭނާގެ ތައުލީމީ ސެޓްފިކެޓުގައިވާ ތާރީޚް ދިމާ ނުވާ ކަމަށެވެ. ނޭޕާލުގައި ދައުލަތުގެ މުވައްޒަފުން އިސްތިއުފާ ދޭން ޖެހޭ އުމުރަކީ 65 އަހަރެވެ. ޖުޑިޝަލް ކައުންސިލުން ބުނީ މީގެ ހަތް މަސް ކުރިން ޕަރަޖުލީ އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

ނޭޕާލުގެ ދުވަހު ނޫހަކުން ވަނީ ރަސްމީ ލިޔުންތަކުގައި އުއްތަމަ ފަނޑިޔާރުގެ އުފަން ދުވަހުގެ ތަފާތު ފަސް ތާރީޚެއް ބޭނުންކޮށްފައިވާ ކަމަށް ބުނެފަ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ނޯޓިސް އެ ނޫހަށް ފޮނުވައިފަ އެވެ. އުއްތަމަ ފަނޑިޔާރުގެ އެ ނިންމުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންގެ ފަރާތުން ވެސް ޕަރަޖުލީ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ވަނީ ނޭޕާލުގެ އާ ރައީސް ބިދިޔަ ބަންދާރީ ހުވާ ކުރުމުގެ ކުރިންނެވެ. ރައީސް އަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޕަރަޖުލީ އެވެ. ރައީސް ބަންދާރީ އަލުން ހުވާ ކުރައްވާނެ ކަމެއް އަދި ނޭނގެ އެވެ.