15 މާޗް 2018 - 20:58

ގދ. ގައްދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސެން އުޅެނިކޮށް އެ އެކްސިޑެންޓު ވެފައި ވަނީ ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހަކު މަގު ހުރަސް އުޅެނިކޮށް، ބާރަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި، އުމުރުން 70 ވަރަކަށް އަހަރުގެ ފިރިހެންމީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް ވެ އެވެ. އަދި ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އެނގިފައި ވެ އެވެ.
އެ މީހުން އެންމެ ފުރަތަމަ ގެންދިޔައީ ގައްދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު ފަހުން ސީ އެމްބިއުލާންސްގައި ގދ. ތިނަދު އަށް ގެންގޮސް، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލު އެ ހޮސްޕިޓަލުން އަދި ސާފުވާ ގޮތެއް ނުވެ އެވެ.