16 މާޗް 2018 - 09:50

މެންޗެސްޓާ (މާޗް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ވުމަކީ މޮޅު ކުޅުން ދެއްކުމަށް ކުރިމަތިވެފައި އޮތް ބޮޑު ޕްރެޝަރެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ އެ ޓީމަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އާސެނަލަށް ބަދަލުވި އެއްބަސްވުމުގެ ތެރެއިންނެވެ. ސަންޗޭޒް ޔުނައިޓެޑަށް ސޮއިކުރީ ހަފްތާ އަކު 500،000 ޕައުންޑް ލިބޭ ގޮތަށެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިޔަކަށް ލިބޭ އެންމެ ބޮޑު މުސާރަ އެވެ.
"މި ޕްރެޝަރަކީ އަހަންނަށް އޮތް ގެއްލުމެއް ނޫން. އަދި ހުރަހެއް ވެސް ނޫން. އަހަންނަށް ޕްރެޝަރު އޮތް ވަރަކަށް އަހަންނަށް ލިބެނީ ހިތްހަަމަ ޖެހުން. ދުނިޔޭގެ ނަޒަރުގައި އަހަރެންނަށް އެ ޕްރެޝަރުގެ ސަބަބުން ލިބޭ ސަމާލުކަން ބޮޑުވޭ،" ޗިލީގެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަންޗޭޒް ބުންޏެވެ.
"ޕްރިމިއާ ލީގުގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔަކީ އަހަރެން ކަމަށް ވުމަކީ ޗިލީގެ މީހުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް."
ޔުނައިޓެޑާ ގުޅުމަށް ފަހު ސަންޗޭޒްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ބުނެ އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ކޯޗުންނާއި ޔުނައިޓެޑަށާއި އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކުޅުންތެރިން ހިމެނެ އެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ކުޅުވާ ސިސްޓަމުގައި ސަންޗޭޒްގެ ކުޅުން ނުފެންނަނީ ޑިފެންސިވް ވިސްނުމެއް ހުރުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ޗެމްޕިއަންސް ލީގުގައި ސެވިއްޔާ އަތުން ބަލިވި މެޗަށް ފަހު މޮރީނިއޯ ވަނީ އެ ފަދަ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
"ތި ވިސްނަނީ އެހެން ކުޅިވަރެއްގެ ވިސްނުމުގަ ހެން ހީވަނީ. މިއީ ސަންޗޭޒްގެ ވާހަކައެއް ނޫން. ޑޭވިޑް ބެކަމްއާ ދިމާވީމަ އަަހަރެން ދެން އަހާލާނަން އޭނަ ޔުނައިޓެޑުގެ އެއް ފަޅިން ކުޅުނުއިރުގައި ޑިފެންޑަރު އެޓޭކަށް އަރާ ވަގުތު އޭނަ ހުންނަނީ ކުޅި ބަލަންތޯ. ފުޓްބޯޅަ އަކީ ޓީމް ގޭމެއް. އެޓޭކްގައި އެންމެން ބޭނުންވާނެ. ޑިފެންސްގައި ވެސް އެންމެން ބޭނުންވާނެ،" މޮރީނިއޯ ބުންޏެވެ.
އުމުރުން 29 އަހަރުގެ ސަންޗޭޒް ޔުނައިޓެޑަށް ކުޅުނު 10 މެޗުން ޖެހުނީ އެންމެ ލަނޑެކެވެ.