16 މާޗް 2018 - 15:57

ހަރާރޭ (މާޗް 16) - މިދިޔަ ނޮވެމްބަރު މަހު ވެރިކަމުން ދުރުވާން މަޖްބޫރު ކުރުވީ ބަޣާވާތަކުން ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެ އެވެ.
ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގުމުން ވެރިކަމުގައި ދެން ހުރެވޭނެ އިތުރު ގޮތެއް ނެތުމުން އިސްތިއުފާ ދެއްވި ފަހުން މުގާބޭ ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވީ ޒިމްބާބުވޭ އަކީ ބަޣާވާތެއް ގެނައުން ހައްގު ގައުމެއް ނޫން ކަމަށާއި އެ ބަޣާވާތް އަނެއްކޮޅަށް ޖަހާ އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އެކަމަކު ވެރިކަމަށް އައުމުގެ ޝައުގުވެރިކަމެއް އަޅުގަނޑުގެ ނެތް. އުމުރުން މިހާރު 94 އަހަރު،" މުގާބޭ ވިދާޅުވި އެވެ.
ޒިމްބާބުވޭގައި ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މުގާބޭ ވިދާޅުވީ އޭނާގެ ބަދަލުގައި ވެރިކަމަށް އިސްވެވަޑައިގެންނެވި އެމާސަން ނަންގަގްވާއާ މެދު އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށެވެ. އެކަމަކު އުމުރުން 75 އަހަރުގެ ނަންގަގްވާ ވަނީ ގައުމަށް ޚިޔާނާތްތެރިވެފައި ކަމަށް ވިދާޅުވި އެވެ. މުގާބޭ ވިދާޅުވީ ނަންގަގްވާއާ އެކު އޭނާ މަސައްކަތް ނުކުރައްވާނެ ކަމަށާއި ނަންގަގްވާ ވެރިކަމަށް އިސްވެވަޑައިގެންފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.
ޒިމްބާބުވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދެވި މުގާބޭއާ ދެކޮޅަށް ސިފައިން ނުކުތީ އޭނާގެ ނައިބަކަށް ހުންނެވި ނަންގަގްވާ މަގާމުން ދުރުކުރުމުންނެވެ. މުގާބޭ އެ ބަދަލު ގެންނެވީ އަނބިކަނބަލުން ގްރޭސް ވެރިކަމަށް ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
"އަޅުގަނޑު ހިއެއް ނުކުރަން އަޅުގަނޑާ ދެކޮޅަށް ނަންގަގްވާ ނުކުންނާނެ ކަމަށް،" މުގާބޭ ވިދާޅުވި އެވެ. "ވެރިކަން ބަދަލުކުރީ ސީދާ އަސްކަރީ ބަޣާވާތަކުން."