"ވެއާ އޯއެސް" އަށް އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކޮށްފި
"ވެއާ އޯއެސް" އަށް އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކޮށްފި

"އެންޑްރޮއިޑް ވެއާ" އަކީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ ބާވަތެކެވެ. އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކޮށް މިހާރު ކިޔަނީ "ވެއާ އޯއެސް" އެވެ. އޮޕަރޭޓިން ސިސްޓަމްގެ ނަން އެއް ނަމުން އެހެން ނަމަކަށް ބަދަލުކުރުމަކުން އެއިން ކޮށްދޭ މަސައްކަތެއް ބަދަލެއް ނުވެ އެވެ. ވެއާ އޯއެސް ޚާއްސަކޮށްފައި ވަނީ ސްމާޓް ގަޑިތަކަށް އަދި އެ ގޮތުގައި އަތުރުކުރީގައި އަޅައި އުޅޭ ސްމާޓް ބޭންޑްތައް، އަނގޮޓިތައް އަދި ކަންފަތު މުދިތަކަށެވެ.

ގޫގުލުން އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް އެއީ ގޫގުލުން ކޮށްފާނެ ކަމެއް ބާއޭ ހިތައި ތިއްބައި، ގޫގުލުން ވަނީ ނަން ބަދަލުކޮށް "ވެއާ އޯއެސް" ރަސްމީކޮށްފަ އެވެ.

ވެއާ އޯއެސް އަށް ނަން ބަދަލުކުރުމަށް ފަހު ގޫގުލުން އާންމުކުރި ލިޔުމެއްގައި ބުނެފައި ވަނީ، ނަން ބަދަލުކުރީ ވެއާ އޯއެސް އަކީ ވެސް ފުރިހަމަ ވަކި އޮޕަރޭޓިން ސިސްޓަމެއްކަން ދޭހަކުރުވުމަށްޓަކައި ކަމަށެވެ. އަދި އެއީ ކިހާ ވަރެއްގެ ޓެކްނޮލޮޖީއެއް ކަމާއި އެއިން ކޮށްދޭ މަސައްކަތްތަކަށް ފުރިހަމަ މާނައެއް ދިނުމަށްޓަކައި ކަމަށެވެ.

ގޫގުލުން އުފައްދައި އާންމުކުރާ ބައެއް ޓެކްނޮލޮޖީތަކަށް އެ ޒަމާނަކާ ގުޅޭ ގޮތުން ބަދަލުތައް ގެނެ އެވެ. ގޫގުލްގެ ބައެއް އުފެއްދުންތައް އުވާލުން ނުވަތަ އިތުރަށް ކުރި އަށް ނުގެންދިއުން އަދި ނަން ބަދަލުކުރުމަކީ ވެސް އެ މީހުން ދެކޭ ގޮތުގައި ކުންފުނި ހަރުދަނާކުރަން ކުރެވޭ ކަމެކެެވެ.

އެންޑްރޮއިޑް ވެއާ، ވެއާ އޯއެސް އަށް ނަން ބަދަލުކުރިއެއް ކަމަކު، އެ އޮޕަރޭޓިން ސިސްޓަމަށް އުފައްދަން ވިސްނާފައި ހުރި އެއްވެސް އެއްޗެއް ނުހުއްޓޭނެ ކަމަށް ގޫގުލުން ބުނެ އެވެ. އަދި އުފެއްދުންތަކަށް އިތުރު ފީޗާތައް ގެންނާނެ ކަމަށް ވެސް ބުނެ އެވެ.