ގެމަނަފުށީގައި އައިސް ޕްލާންޓު އަޅަން މިފްކޯ އާ ހަވާލު ކޮށްފި
ގެމަނަފުށީގައި އައިސް ޕްލާންޓު އަޅަން މިފްކޯ އާ ހަވާލު ކޮށްފި

ގއ. ގެމަނަފުށީގައި 25 ޓަނުގެ އައިސް ޕްލާންޓެއް އަޅަން ރަށު ކައުންސިލާއި މިފްކޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ސޮއިކުރެއްވި އިރު ގެމަނަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަބްދުﷲ ޝިޔާން އެވެ.

އަދްލީ ވިދާޅުވީ މިއީ މީގެ ދެތިން މަސް ކުރިން ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ރަށު މަސްވެރިންގެ އެދުނު އެދުމަށް އަޅާ އައިސް ޕްލާންޓެއް ކަމަށެވެ.

"ގެމަނަފުށްޓަކީ މަސްވެރިކަން ކުރިއަރުވައި، ތަފާތު ގޮތަކަށް އެކަން ކުރާ ބައެއް. މި އައިސް ޕްލާންޓް އެޅުމުން އެ ރަށުގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވި ގޮތުގައި އައިސް ޕްލާންޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި ނަމަވެސް އެ މަސައްކަތް ފަށައި، މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ސަރުކާރުގެ އެހީގެ ދަށުން އަޅާ އައިސް ޕްލާންޓް ހުޅުވާނީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މައި ހަރަކާތްތައް އެ ރަށުގައި ކުރިއަށް ދާ ދަނޑިވަޅުގައި ކަމަށް ޝިޔާން ވިދާޅުވި އެވެ.

މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ ނުވަ އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މިފްކޯ އިން ކުރަމުން ދާ ކަމަށެވެ. އޭގެ ތެރެއިން އެއް ޕްލާންޓް އިންސްޓޯލްކޮށް ދެ ޕްލާންޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.