18 މާޗް 2018 - 11:10

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ބައިނަލްއަގްވާމީ ކޮންފަރެންސް އަންނަ އޮގަސްޓް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ޔުނިވަސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، މަތީ ތައުލީމަށް ޚާއްސަ ކޮށްގެން ބާއްވާ "ތެވެލި 2018" އަށް އަންނަ ޖޫން 15 ގެ ކުރިން ޕޭޕަރު ހުށަހެޅޭނެ ކަމަށެވެ.
އެމްއެންޔޫ އިން އަންނަ އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ބާއްވާ ކޮންފަރެންސްގެ މައިގަނޑު ތީމަކީ، 'ނިއު ހޮރައިޒަންސް އިން ހަޔަ އެޑިއުކޭޝަން ސިނަޖީސް، އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް' އެވެ. އޭގެ ތެރެއިން ސަބް ތީމްގެ ގޮތުގައި 13 މައުލޫއެއް ހަމަޖައްސާފައި ވެ އެވެ. އެއީ ޕޮލިޓިކްސް އަދި ޕޮލިސީ އާއި ޝަރީއާ، ލޯ އެންޑް އިސްލާމިކް ސްޓަޑީޒްސް، ސައިންސް އެންވަޔަރްމެންޓާއި މީޑިއާ އަދި ކޮމިއުނިކޭޝަން ފަދަ މައުލޫއުތައް އޭގެ ތެރޭގައި ހިމެނެ އެވެ.
ފަވާޒް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކޮންފަރެންސަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ކޮންފަރެންސްގެ އެހީގައި އިތުރަށް ހަރުދަނާކޮށް، މި އަހަރުގެ ކޮންފަރެންސް އިތުރަށް ރަނގަޅު ވާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކޮންފަރެންސަށް 60 އަށް ވުރެ ގިނަ ޕޭޕަރު ހުށަހެޅި އެވެ. އޭގެ ތެރެއިން 12 ޕޭޕަރެއް ޕަބްލިޝް ކުރަން ނިންމާފައިވާ ކަމަށް ފަވާޒް ވިދާޅުވި އެވެ.