19 މާޗް 2018 - 16:29

ގާނޫނީ ވަކީލް ހިސާން ހުސައިން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.
ކުއްލި ގޮތަކަށް މިއަދު ހަވީރު 4:30 އަށް ހިސާން ކޯޓަށް ހާޒިރުވާން އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ހިސާން އެންމެ ފަހުން އިއްޔެ ކޯޓަށް ވަޑައިގަތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލެއްގެ ގޮތުންނެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަވާ ގޮތާ މެދު ހިސާން އިއްޔެ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
މީގެކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިދިޔަ އަހަރު ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރިއިރު އޭގެ ތެރޭގައި ހިސާން ވެސް ހިމެނިވަޑައިގަތެވެ. އެކަމަކު ފަހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ.