20 މާޗް 2018 - 15:58

ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި އެހީވާން ތައްޔާރަށް އޮތް ކަމަށް، ޕާކިސްތާނުން ރާއްޖެ އަށް ކަނޑައެޅި ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނު ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް، ސަފީރާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ވަރުގަދަ ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގައި ހުރީ އެއްގޮތް މައްސަލަތަކެއް ކަމަށާއި ހާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.