ޗައިނާ ބައިބައިކުރަން ކުރާ ކޮންމެ މަސައްކަތެއް ފެއިލްވާނެ: ޝީ ޖިންޕިން
ޗައިނާ ބައިބައިކުރަން ކުރާ ކޮންމެ މަސައްކަތެއް ފެއިލްވާނެ: ޝީ ޖިންޕިން

ބެއިޖިން (މާޗް 20) - ޗއިނާ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށާއި އެ މަސައްކަތަށް ހުރަސް އަޅަންކުރާ ކޮންމެ ކަމެއް ފެއިލްކޮށްލާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޒާރު ދެއްވައިފި އެވެ.

ޗައިނާ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ޝީ ދެއްވި މި އިންޒާރުން ދޭހަވަނީ ޓައިވާން އާއި ހޮންކޮން ފަދަ ތަންތަން ޗައިނާއާ ވަކިކުރަން އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާނެކަމެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޗައިނާގެ ވެރިކަމަށް ވަޑައިގެންނެވި ޝީ އަށް އުމުރަށް ވެރިކަމުގައި ހުރެވޭ ގޮތް އެ ގައުމުގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އިން މިދިޔަ ހަފުތާގައި ވަނީ ހަދައިފަ އެވެ. ވެރިކަމުގެ ދައުރުގެ މުއްދަތު ރަބަ ސްޓޭމްޕް ޕާލަމެންޓުން އުވާލުމުން ޝީ މިހާރުވެފައި ވަނީ މާއޯ ޒެޑޮން އަށް ފަހު ޗައިނާގެ އެންމެ ބާރުގަދަ ލީޑަރަށެވެ.

ގްރޭޓް ހޯލް އޮފް ޕީޕަލްގައި ދެއްވި ތަގްރީރުގައި ޝީ ވަނީ މާޒީގައި ޗައިނާގެ ކާމިޔާބީތަކަށް ބައްލަވާލައްވައިފަ އެވެ. އެގޮތުން ބަޑިބޭހަކީ ޗައިނާ އިން އީޖާދުކުރި އެއްޗެއް ކަމަށް ވިދާޅުވި އެވެ. ޗައިނާއާ މެދު ޝީގެ ތަސައްވަރު ހާމަކޮށްދެއްވަމުން ވިދާޅުވީ މާޒީން ޔަގީންކޮށްދީފައި ވަނީ ޗައިނާ އަށް ސަލާމަތްކަން އޮތީ ހަމައެކަނި ސޯޝަލިޒަމުން ކަމަށެވެ.

ދުނިޔެއާ މެދު ޗައިނާ ދެކޭގޮތަށް އިޝާރާތް ކުރައްވާ ޝީ ވިދާޅުވީ ޗައިނާ ވާނީ ވަރުގަދަ ގައުމަކަށް ކަމަށާއި ނަމަވެސް އެއްވެސް ގައުމަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

"ކާމިޔާބު ހޯދުމަށްޓަކައި ޗައިނާ އޮންނަން ވާނީ އެކަތިގަނޑެއްގެ ގޮތުގައި. ޗައިނާގެ ޓެރިޓަރީން އެންމެ އިންޗިއެއް ވެސް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ނުވާނެ ކަމެއް،" ޕާލަމެންޓުގެ ބައްދަލުވުން ނިންމުމުގެ ގޮތުން ޝީ ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ. "ޗައިނާ ބައިކުރަން ރާވާ މަކަރުވެރި ހުރިހާ ރޭވުމެއް އެންމެ ފަހުން ފެއިލްވެގެން ދާނެ."