21 މާޗް 2018 - 15:41

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމަށް ފަހު ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ގާނޫނާ އެއްގޮތަށް ޝަރީއަތް ކުރިއަށް ގެންދަން އެދި އެމަނިކުފާނުގެ ވަކީލް ހިސާން ހުސައިން މިއަދު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ހިސާން ފޮނުއްވި ސިޓީގައިވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާއިރު، ދައުވާ އުފުލުމަށް ފަހު ފުލުހުންގެ ދައުރު ނިމުމަކަށް އަންނާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މައްސަލައެއްގައި ވެސް ބުނެފައިވާ ކަމަށެވެ. އެހެންވެ، މުއްދަތު މަޖިލީހަށް ކަމަށް އުއްތަމަ ފަނޑިޔާރު ހާޒިރު ކުރުމަށް ފަހު ޝަރީއަތުގެ މަރުހަލާގެ އެއްވެސް އިޖްރާއާތެއް ނުހިންގޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސް އޮންނާނެ ވަގުތު ވަކީލުންނަށް ފުލުހުން އެންގުމަށް ފަހު، އެ ވަގުތު ޖެހުމުން އެހެން ވަގުތުތަކަށް ފުލުހުން ބަދަލު ކުރަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ. އެކަން އެގޮތަށް ދިމާވަނީ ކޯޓުން ދޭ ޝެޑިއުލަށް އެކިފަހަރު މަތިން ބަދަލު އަންނާތީ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ހިސާންގެ އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ހިސާން އެދިފައިވަނީ ގާނޫނާ އެއްގޮތަށް އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި އިތުރު ސިޔާސީ ބައެއް ބޭފުޅުންނަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކެއް އުފުލައިފަ އެވެ.
އޭގެ ތެރެއިން އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ރޭ އަމުރު ނެރުނުއިރު، ދެން ތިއްބެވި ބޭފުޅުންގެ ބަންދާ މެދު މިއަދު ކޯޓުން ގޮތެއް ނިންމަން ވަނީ ހަމަޖެހިފަ އެވެ.